ފަލަސްޠީނުގެ ޣައްޒާގެ ދެކުނުގައި ހުންނަ ނާސިރު ހަސްފަތާލަށް ޔަހޫދީން ޙަމަލާދީ ފަސް ނޫސްވެރިން ހިމެނޭ ގޮތަށް 20 މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީން ދިން ޙަމަލާގަައި ޝަހީދުވި ނޫސްވެރިންގެ ތެރޭގައި އަލްޖަޒީރާއާއި ރޮއިޓަރސްއާއި ދަ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް މަސައްކަތްކޮށްދޭ ނޫސްވެރިން ހިމެނެއެވެ.
ޙަމަލާގައި ރޮއިޓަރސްގެ ކެމެރާމަނެއް ކަމަށްވާ ހުސާމް އަލް މަސްރީ ޝަހީދުވީ ރޮއިޓަރސްއިން ނާސިރު ހަސްފަތާލުގެ މަތީ ފަންގިފިލާއެެއްގައި ހުންނަ ލައިވް ބްރޯޑްކާސްޓު ކުރާ ސަރަޙައްދެެއްގައި ޙަރަކާތްތެރިވަމުން ދަނިކޮށެވެ. އެ ޙަމަލާގައި ޒަޚަމްވި މީހުންނަށް އެހީތެރިވުމަށް އިތުރު ނޫސްވެރިންނާއި މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ މަސައްކަތްތެރިން އެ ސަރަޙައްދަށް ޖަމާވުމުން ޔަހޫދީން ވަނީ އަނެއްކާ ވެސް ހަމަ އެ ސަރަޙައްދަށް ބޮން އަޅައިފައެވެ. ދެވަނަ ފަހަަރަށް ދިން ޙަމަލާގައި އޭޕީއަށް މަސައްކަތްކޮށްދޭ ނޫސްވެރިއެއްކަމަށްވާ މަރިޔަމް އަބޫ ދައްގާއާއި އަލްޖަޒީރާގެ ނޫސްވެެރިއެއް ކަމަށްވާ މުޙައްމަދު ސަލާމާއާއި އެކި ނޫސްތަކަށް މަސައްކަތްކޮށްދޭ މުއާޒް އަބޫ ޠާޙާއާއި އަޙްމަދު އަބޫ އަޒީޒް ވަނީ ޝަހީދުވެފައެވެ. ރޮއިޓަރސްއަށް މަސައްކަތްކޮށްދޭ ފޮޓޯގުރާފަރެއް ކަމަށްވާ ހާތިމް ޚާލިދަށް އެ ޙަމަލާގައި ޒަޚަމްވެފައިވެއެވެ.
އެ ޙަމަލާއާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ސުވާލުކުރުމުން އެއީ ހިނގި ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. އެއީ ކޮން އިރަކު ހިނގި ކަމެއްތޯ ސުވާލުކުރައްވައި އެ ކަމާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި އެ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރޮއިޓަރސުން ވަނީ ޔަހޫދީންގެ ޙަމަލާގައި އެ ނޫހަށް މަސައްކަތްކޮށްދޭ ކެމެރާމަނުންނާއި ނޫސްވެރިންނާއި ފޮޓޮގުރަފަރުން ޝަހީދުވުމުން އެކަމާ ހިތާމަ ފާޅުކޮށްފައެވެ. އަދި އެ ޙަމަލާއާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަމުންދާ ކަމަށާއި، ޙަމަލާގައި ޒަޚަމްވި ޚާތިމްއަށް ވަގުތުން ވަގުތަށް ބޭސްފަރުވާ ކުރެވޭނެ މަގެއް ހޯދުމަށް ޣައްޒާއާއި ޔަހޫދީންގެ އިދާރާތަކާ ވާހަކަ ދައްކަމުންދާ ކަމަށް ބުނެފައިވެއެވެ.
އޭޕީން ވަނީ އަބޫ ދައްގާއާއި އިތުރު ނޫސްވެރިން ޝަހީދުވި ވާހަކަ އަޑުއެހީ ފުން ހިތާމައާއެކު ކަމަށް ބުނެފައެވެ. އަބޫ ދައްގާއަކީ ނާސިރު ހަސްފަތާލުން ގިނަ ޚަބަރުތައް ގެނެސްދެމުންދިޔަ ނޫސްވެރިއެއް ކަމަށް ފާހަގަކޮށް އެ ނޫހުން ބުނީ އޭނާގެ ފަހުގެ ޚަބަރުތައް ބިނާކޮށްފައި ވަނީ ޣައްޒާގައި ބަނޑަށް ޖެހެމުންދާ ކުޑަކުދިންގެ މައްޗަށް ކަމަށެވެ.
ޙަމަލާއާ ގުޅިގެން ފަލަސްޠީނުގެ ސަރުކާރުން ވަނީ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައިފަައެވެ. އދގެ ސަލާމަތީ މަޖިލީހާއި އދން އެދެވޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ގޮވާލާފައިވެއެވެ.
ފަލަސްޠީނިއަން ޖާނަލިސްޓް ސިންޑިކޭޓުން ވަނީ ޔަހޫދީންގެ ޙަމަލާތައް ކުށްވެރިކޮށް، މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ޔަހޫދީން ފާޅުގައި ހަނގުރާމަކުރަމުންދާ ކަމަށް ބުނެފައެވެ. ޔަހޫދީންގެ މަޤްސަދަކީ ނޫސްވެރިންނަށް ދުއްތުރާކޮށް ގެއްލުން ދިނުން ކަމަށާއި އެއީ ނޫސްވެރިން އެ މީހުންގެ ޒިންމާ ޢަދާކޮށް ޔަހޫދީންގެ ޖަރީމާތައް ދުނިޔެއަށް ބުނެދިނުން ހުއްޓުވަން ޔަހޫދީން ކުރާ ކަމެއް ކަމަށް އެ ސިންޑިކޭޓުން ބުނެފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން މިހާތަނަށް 240އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފައިވާ ކަމަށް ވެސް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.