ޚަބަރު

މަކުނުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފި


  • މަގުތައް ތަރައްޤީކުރަނީ ރަށްރަށުގެ ރައްޔިތުން އެދޭގޮތަށް

  • މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރޭ

މަކުނުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވަލުކޮށްފިއެވެ.

މަކުނުދޫގެ މަގުތައް ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަަށުގެ ރައްޔިތުންނަ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އާރްޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޘީމްއެވެ.

މި މަޝްރޫޢުއާ ގުޅެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މަގު ހެދުމުގެ މަޝްރޫޢަކީވެސް ރަށަށް އަސާސީކަމެއްކަމަށެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރުމަށް އާރްޑީސީއާ ހަވާލުކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީކުރުމަށެވެ. މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރެއެވެ.