ހަނިމާދުއަށް ބަދަލުކުރާތީ ހިރިމަރަދޫގައި މިހާރު ލިބިފައިވާ ގޯއްޗެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމާއި، ގޯތި ބައިކުރުމާއި، އެއްމެދު ކުރުންފަދަ ގޯތީގެ ރަޖިސްޓްރީއަށް ބަދަލު އަންނަ އެއްވެސް ކަމެއް ނުކުރެއްވުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
ހދ. ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށާއި އެރަށު ހުރިހާ ރައްޔިތުންނަށް އެކަށިގެންވާ ގެދޮރާއި ޒަމާނި ވަސީލަތްތައް ފޯރުކޮށްދިނުމަށް އެ ރަށު ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައި، މިމަހު 24ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި އެކަން ވަނީ އިޢުލާނުކުރައްވާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ ރައްޔިތުންގެ ތެރެއިން މިހާރު ގޯތިގެދޮރު ހުރި ކޮންމެ ރައްޔިތަކަށް ހަނިމާދޫއަށް އަލަށް ބަދަލުވާ ސަރަޙައްދުން ގެ ލިބޭނެ ކަމަށެވެ. އަދި މިހާރު ގޯތި އޮވެ އިމާރާތެއް ނެތް ކޮންމެ ރައްޔިތަކަށް ވެސް ގެ ލިބޭނެއެވެ.
މި މަޝްރޫޢުގެ ދަށުން ހިރިމަރަދޫން ހަނިމާދުއަށް ބަދަލުވާ އެއްވެސް ރައްޔިތަކަށް ގެދޮރު ނެތި ނުތިބޭނެކަން ކަށަވަރުކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢު ތަންފީޒުކުރުމުގެ ގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހދ. ހިރިމަރަދޫގެ ރައްޔިތުންނަށް ގެދޮރު އިމާރާތްކުރުމާގުޅޭ ތަފްޞީލީ ސަރވޭތައް ހެދުމާއި، މުނިސިޕަލް އިންފްރާސްޓްރަކްޗަރ ދެނެގަތުމާއި، މުޅި މަޝްރޫޢަށް ހިނގާނެ ފުރިހަމަ ޚަރަދު ދިރާސާއާއި ބަޖެޓް ތައްޔާރުކުރުމަށް އެޗްޑީސީއާ ޙަވާލުކުރެވިފައިވެއެެވެ. އެއަށްފަހު 18 މަސްދުވަހުގެ ތެރޭގައި ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެވިގެން ދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ގޯތި ގެދޮރު ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އާ ހަމައަށް ގޯތި ލިބިފައިވާ ފަރާތްތަކަށެވެ.