ހދ. ނޭކުރެންދޫ ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ގެ ޑެޕއުޓީ މެނޭޖިން ޑިރެކްޓަރ ލަމާން މުހައްމަދު އަދި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގްގެ އިތުރުން ނޭކުރެންދޫ ކައުންސިލުގެ ރައީސް އަލީ ސިރާޖްއެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކައުންސިލުގެ ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ އަންނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމުމުގެ އަމާޒާއެކު ހަވާލު ކުރެވުނު މަޝްރޫއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ ރަށްތަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، މިމަޝްރޫއުތައް ހަވާލުކޮށްފަވަނީ އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި އެމްއޭސީއެލްއާއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ހަވާލުކޮށްފަވަނީ މީގެ ތެރެއިން 63 މަޝްރޫއެއްގެ މަސައްކަތެވެ.