ޚަބަރު

ސިނާ އާއި ސްވިއަޓެކް ދެވަނަ ބުރަށް


އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަނިކް ސިނާ އާއި އިގާ ސްވިއަޓެކް ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ޔަނިކް ސިނާ މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ދުނިޔޭގެ ރޭންކިންގެ 89 ވަނައިގައި ހުރި ޗެކް ރިޕަބްލިކްގެ ވިޓް ކޮޕްރިވާ އާއި ދެކޮޅަށް ކުޅުނު މެޗު ވަރަށް ފަސޭހަ ކަމާއިއެކު ހައެއް އެކެއް, ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ނިއު ޔޯކްގެ ފްލަޝިންގ މެޑޯޒްގައި ކުރިއަށްދިޔަ މި މެޗު ކާމިޔާބު ކުރުމަށް ސިނާ ހޭދަކޮށްފައިވަނީ އެއް ގަޑިއިރާއި ތިރީސް އަށް މިނިޓެވެ.

މިދިޔަ ހަފްތާގައި ނިމިގެންދިޔަ ސިންސިނާޓީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ކާލޯސް އަލްކަރޭޒް އާއި ދެކޮޅަށް ކުޅުނު މެޗުގެ ވަކި ހިސާބަކުން ލިބުނު އަނިޔާ އަކާއި ގުޅިގެން މެޗު ދޫކޮށްލި ސިނާގެ ފަރާތުން މި މެޗުގައިވެސް ވަނީ އޭނާ އެއްކޮށް ފިޓް ނޫންކަން ސާބިތުވެފަ އެވެ.

މި މުބާރާތުގެ އަންހެން އިވެންޓުގައި އެންމެ ފަހުގެ ޗެމްޕިއަން އިގާ ސްވިއަޓެކް ވަނީ ކޮލަމްބިއާގެ އެމިލިއާނީ އަރަންގޯ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.

ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި މިވަގުތު ހުރި ޕޮލެންޑަށް އުފަން ސްވިއަޓެކް އަކީ މި މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ކުޅުންތެރިޔާ އެވެ.

ސްވިއަޓެކް ވަނީ މީގެ ކުރިން ހަ ފަހަރު މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.