ޚަބަރު

ކުރިނބީ ފުޓްބޯޅަ ދަނޑު ނިންމާ ފުޓްސަލް ދަނޑުގައި މިއަހަރު ޓާފް އަޅައިދޭނަން: ރައީސް


ހދ. ކުރިނބީ ފުޓްބޯޅަ ދަނޑު ހެދުމަކީ ކުރަން ނިންމާފައިވާ މަސައްކަތެއް ކަަމަށާއި ދާދި އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ކުޅިވަރުގެ ދާއިރާއިން ބަލާއިރު ފުރިހަމަކޮށްދޭން ބޭނުންވާ ކަންކަން ކުރިނބީގައި އެބަހުރި ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެރަށު ފުޓްބޯޅަ ދަނޑު ފުރިހަމަ ކުރެވިގެންދާނީ ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކާއި އެކީގައި ކަމަށެވެ.

އޭގެ އިތުރުން މިހާރު ބޭނުން ކުރާ ފުޓްސަލް ދަނޑު ހަލާކުވެފައި އޮތުމުން އެ ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތްވެސް މިއަހަރުތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިނބީގައިވެސް ހޭންޑްބޯޅަ ކޯޓެއް އަޅަން ނިންމާފައިވާކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މި އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.