ކުޅިވަރު

މޮޅަށް ކުޅުނު އެކިޓީކޭ ފްރާންސުން ބާކީކޮށްފި، އަކްލިއޫކޭ ގައުމީ ޓީމަށް


ލިވަޕޫލްއަށް ބަދަލުވެ މޮޅަށް ކުޅެމުންދިޔަ ފޯވާޑް ހޫގޯ އެކިޓީކޭ ފްރާންސް ޓީމަށް ނުނަގައި، މޮނާކޯގައި މޮޅަށް ކުޅެމުން އަންނަ މިޑްފީލްޑަރު މެގްނެސް އަކްލިއޫކޭ ގައުމީ ޓީމަށް ނަގައިފިއެވެ.

އުމުރުން 23 އަހަރުގެ އަކްލިއޫކޭ އަކީ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީގެ ކޯޗުކަމުގައި ހުސްވި އަހަރުގެ އޮލިމްޕިކްސްއިން ރިހި މެޑަލް ހޯދި ފްރާންސްގެ ޒުވާން ޓީމުގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.
އެކިޓީކޭ ޓީމަށް ނުނަގައި ދޫކޮށްލިއިރު އޭނާ ވަނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލްއަށް ބަދަލުވެ ކުޅުނު ދެ މެޗުން ތިން ލަނޑު ޖަހައިފައެވެ.

މީގެ ބަދަލުގައި ފްރާންސްގެ ފޯވާޑް ލައިން ހަވާލުކުރީ ގައުމީ ޓީމާއި ކުލަބުގައިވެސް މޮޅަށް ކުޅެފައިވާ ދެ ތަރިން ކަމަށްވާ ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ އާއި އޮސްމާނޭ ޑެމްބެލޭއާ އެވެ.

އާސެނަލްގެ ވިލިއަން ސަލީބާއަށް ދިފާއީ ފާރު ދީފައިވާއިރު، ޗެލްސީގެ މަލޯ ގުސްޓޯ އާއި ލިވަޕޫލްގެ އިބްރާހީމާ ކޮނާޓޭ އަކީވެސް ދިފާއީ ފާރުގެ މުހިންމު ކުޅުންތެރިންނެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކޯޗު ޑިޑިއޭ ޑެޝޯން ޓީމު ތައްޔާރުވަމުން އަންނަނީ ޔުކްރޭނާއި އައިސްލެންޑާ ދެކޮޅަށް ކުޅުމަށެވެ.