އެހެން އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން މިހާތަނަށް ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ހދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުންނެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ފަރުމަސްވެރިކަމަށް ޝައުގުވެރިކަން އެބައޮތްކަމަށެވެ. އެގޮތުން ހދ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުންވެސް ފަރުމަސްވެރިކަމަށް ވަދު ކަނދުފަތި އެޅުމަށް އެދެމުންދާކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި 8 ކަނދުފަތި ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސްޕޯޓްސް ފިޝިން ކޮމިއުނިޓީ އޮތް ރަށްރަށް ވުޒާރާއިން މިހާރު ފާހަގަކޮށްފައިވާކަމަށެވެ. އަދި މި ސަރަހައްދުތަކުގައި ކަނދުފަތި އެޅުމުގެ މަސައްކަތް އެވުޒާރާއިން ވަރަށް ބާރަށް ކުރިއަށްގެންދާކަމަށެވެ. މިމަސައްކަތުގައި ހަރަކާތްތެރިވަނީ ފަންނީ ބޭފުޅުންގެ ޓީމެއްކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެހެން ސަރުކާރުތަކާއި އަޅާބަލާއިރު މި ސަރުކާރުން މިހާރުވެސް ގިނަ އަދަދެއްގެ ކަނދުފަތި އަޅާފައިވާކަމަށެވެ.
"ރައީސް ވެރިކަމަށް ވަޑައިގެންނެވި ފަހުން ދިވެހިރާއްޖޭގައި އެންމެ ގިނަ ވަދު ކަނދުފަތި އަހަރެއްގެ ތެރޭގައި އެޅިގެން މިދިޔައީވެސް. މިދިޔަ އަހަރު އެޅި ކަނދުފަތިތަކަށްވުރެ ގިނަ ކަނދުފަތިތަކެއް މިއަހަރުވެސް އެޅިގެންދާނެ. މިވެސް ވަރަށް ބޮޑަށް ރައްޔިތުން އެދޭ ކަމަކަށްވާތީއާއި އެކީގައި ރައީސްގެ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިކަމުގައިވެސް އެބައޮތް. އަދި މަސް ކަނދުފަތީގެ ވިއުގައެއްވެސް އެބައޮތް. އެ ވިއުގައަށް އިތުރުކުރަންޖެހޭ ކަނދުފަތިތަކުގެ ދިރާސާތަކެއްވެސް ހެދި އަދި އެ ވިއުގައިން ކެނޑޭ ކޮންމެ ކަނދުފައްޗެއް އެއީ އަޅުގަނޑުމެން އެންމެ ޚާއްސަކަމެއް ދީގެން ރީ-އިންސްޓޯލްކުރާ ކަނދުފައްޗަކަށް ހަދައިގެން އަޅުގަނޑުމެން މިއުޅެނީ." ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރުން މިހާތަނަށް މުޅިން އަލަށް 22 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުން ދަނީ ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އެގޮތުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް މިއަންނަ ޑިސެންބަރު މަހުގެ ކުރިން ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.