ޚަބަރު

މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ ފުރުޞަތު ފަލަސްޠީނަށް ނުދޭނަން: ޔަހޫދީން


މިނިވަން ދައުލަތެއް ޤާއިމުކޮށް، މިނިވަން ކަމާ އެކު ދިރިއުޅުމުގެ ފުރުޞަތު ފަލަސްޠީނުގެ ރައްޔިތުންނަށް ނުދޭނެ ކަމުގައި ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަޒީރު ގިޑިޔަން ސާރް ބުނެފިއެވެ. އޭނާ މި މޭރުމުން ބުނެފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ރޫބިޔޯއާ ބައްދަލުކޮށް ސާރް މަޝްވަރާ ކޮށްފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމާއި، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާ ގުޅޭ ގޮތުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ރޫބިޔޯއާއި ސާރް ބައްދަލުކޮށް މަޝްވަރާ ކޮށްފައި މި ވަނީ، ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ހުޅަނގުގެ ބައެއް ބާރުތަކުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުތަކުގެ ތެރޭގައި ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން ކެނެޑާއާއި އޮސްޓްރޭލިޔާ ވެސް ހިމެނެއެވެ.

އެ ޤައުމުތަކުން ބުނީ، ސެޕްޓެންބަރު މަހު ނިއު ޔޯކްގައި ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްޠީނުގެ މިނިވަން ކަން ރަސްމީކޮށް ބަލައިގަނެ، އެ ކަން އިޢުލާނު ކުރާނެ ކަމުގައެވެ. މިއީ، ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ބަލައިގަންނަ ނިންމުމެއް ނޫނެވެ. ރޫބިޔޯއާއި ސާރާ ދެމެދު މަޝްވަރާ ކޮށްފައި ވަނީ މި ކަމާ ގުޅޭ ގޮތުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާއިރު، ސާރް ބުނީ ރޫބިޔޯއާ ބައްދަލުކޮށް ވަރަށް "ރަނގަޅު" މަޝްވަރާތަކެއް ކުރެވުނު ކަމުގައެވެ.

ޣައްޒާ ސިޓީގެ ރައްޔިތުން ވަޒަނުން ނެރެ، އެ މީހުންގެ ގެދޮރު ސުންނާފަތި ކުރަނީ

ރޫބިޔޯއާއި ސާރް ބައްދަލު ކޮށްފައި މި ވަނީ، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާ ސިޓީއަށް ޔަހޫދީ ސިފައިން އަރާފައި ވަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކުގައެވެ. އެ ރަށުގެ ޛަޔިތޫން އަވަށުގައި މި ވަގުތު އެންމެ އިމާރާތެއް ވެސް ކޮޅަށް ނެތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އެ ސަރަޙައްދުގައި ބިނާ ކޮށްފައި ހުރި 1,500އަށްވުރެ ގިނަ އިމާރާތް ސުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައިވާ ކަމުގައި ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

މީގެ އިތުރުން، ޣައްޒާގެ އެކި ކަންކޮޅުތަކަށް ވެސް ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އޮގަސްޓު 27ވަނަ ދުވަހުގެ ރެޔާއި 28ވަނަ ދުވަހުގެ ދަންވަރާއި ފަތިހުގެ ވަގުތުގައި ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ހަތް މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން ބުރަޔިޖު ރެފިއުޖީ ކޭމްޕަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައި ވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ އިތުރު 51 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 12 މީހަކު ޝަހީދު ކޮށްލާފައި ވަނީ އެހީ ބަހާ މަރުކަޒެއް ކައިރިއަށް ކާބޯތަކެތި ބަލައި ދިޔަ ވަގުތުގައެވެ. އަދި، ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތި، ބަނޑަށް ޖެހިގެން ވެސް ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިތުރު 10 މީހުން ވަނީ ޝަހީދުވެފައެވެ.

އދގެ ސަލާމަތީ މަޖިލީހުން ޔަހޫދީންގެ ޤަތުލުޢާންމު ކުށްވެރި ކުރުން

އދގެ ސަލާމަތީ މަޖިލީހުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ކުށްވެރިކޮށް، ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށް ގޮވައިލާފައެވެ. އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 ޤައުމަކުން މި ގޮވައިލުމަށް ތާޢީދު ކޮށްފައިވާއިރު، އެ ކަމާ ދެކޮޅު ހަދާފައިވާ ހަމައެކަނި ޤައުމަކީ އެމެރިކާއެވެ. އދގެ ސަލާމަތީ މަޖިލީހުގެ 14 މެންބަރުން ބުނީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ޔަހޫދީން ގަސްދުގައި ޖަރީމާއެއް ހިންގަމުންދާ ކަމުގައެވެ. އަދި، ޣައްޒާގައި ހައިހޫނު ކަން ޢާންމުވެފައި ވަނީ ޔަހޫދީންގެ އަމަލުތަކާ ގުޅިގެން ކަމުގައެވެ.

ޣައްޒާ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 62,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.