ޚަބަރު

ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާނީ އޮކްޓޫބަރު 16 ގައި


މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހު ކަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މާލޭގައި މިދުވަސް ފާހަގަކުރުމަށް ނިންމާފައިވާއިރު މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޑްފެއަރ ހިމެނެއެވެ. މި ފެއަރ ޚާއްސަކުރެވޭނީ މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރު ކަމަށްވާ " މޫސުމަށް އަންނަ ބަދަލުތަކާއި އެކު ދަނޑުވެރިކަމަށާއި ކެއުމުގެ ވައްޓަފާޅިއަށްވެސް ބަދަލު އަންނަންޖެހޭ " މި ޝިއާރާ ގުޅުވައިގެންކަމަށް ދަނޑުވެރިކަމާއި ބެހޭ މުޒާރާއިން ވިދާޅުވެއެެވެ.

އެ މިނިސްޓްރީން ވިދާޅުވީ ދަނޑުވެރިކަމާއި ގުޅުވައިގެން ފުޑްފެއަރ އެއް ބޭއްވުމަށް ނިންމެވީ ރާއްޖޭގައި ބުރަ މަސައްކަތް ކުރަމުންދާ ދަނޑުވެރިން ކުރާ މަސައްކަތް އާންމުންނަށް ދައްކާލުމަށާއި މިކަމުން ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކުރުވުންކަމަށެވެ. މި އަހަރު ބާއްވާ ފުޑްފެއަރގައި ސްކޫލުކުދިންނާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާއިރު ދުވަހުގެ ޝިޢާރާ ގުޅުވައިގެން ކްލައިމެޓް ސްމާރޓް އެގްރިކަލްޗަރ މޮޑެލްއެއް ދައްކާލުމަށްވެސް ހަމަޖެހިފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ވިދާޅުވެއެވެ. 

މިގޮތުން، މޫސުމީ ގޮތުން އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި ދަނޑުވެރިކަންކުރާ ފަރާތްތައް ރައްކާތެރިވުމަށް ދަނޑުގައި ކުރެވިދާނެ ކަންތައްތައް ހިމެނިގެން މޮޑެލްއެއް ތައްޔާރުކޮށް މި މޮޑެލް މި ފެއަރގައި ދައްކާލެވޭނެކަމަށްވެސް އެމިނިސްތްރީން ވިދާޅުވެއެވެ.