އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑާއެކު 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
މެންޗެސްޓާގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު, މެޗުގެ 27 ވަނަ މިނިޓުގައި ބާންލީގެ ޖޯޝް ކުލެން އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޔުނައިޓެޑަށް ވަނީ ކުރި ލިބިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ބާންލީގެ ލައިލް ފޮސްޓަރ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެންޗެސްޓަރ ޔުނައިޓެޑުން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ ބާންލީން މެޗުގެ ނަތީޖާ އެއްވަރުކުރިތާ ދެ މިނިޓު ފަހުން ބްރަޔަން އެމްބުއޭމޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ސީޒަނުގައި މިހާތަނަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލު ކީޕަރުންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންގޮސްފައިވާއިރު މި މެޗުގައިވެސް ގޯލުކީޕަރަކަށް ހުރި އަލްތޭ ބައިންދިރްގެ ފަރާތުން ވަނީ އާދައިގެ ގޯސްތަކެއް ފެނިގެން ގޮސްފަ އެވެ.
މި މެޗުގައި ދެވަނަ ފަހަރަށް ބާންލީން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައ ބައިންދިރް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖެއިޑަން އެންތޮނީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެންޗެސްޓާ ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުވެފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ ރެފްރީ ފުރަތަމަ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމި ނަމަވެސް ހަތަރު މިނިޓު ވަންދެން ވީޑިއޯ ބެލުމަށްފަހު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.