ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުިފާނު މިހެން ވިދާޅުވީ މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޗައިނާގެ ރައީސް ޝީޖިން ޕިންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.
މި ބައްދަލުކުރެއްވުމަށް ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ޗައިނާއަށް ވަޑައިގެންނެވުމުން އެ ޤައުމުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޓިއާންޖިންގައި ރައީސް ޝީއާ ބައްދަލުކުރައްވައި ދެ ޤައުމު ގުޅިގެން މިހާރު ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުންނާއި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކުން މަޝްވަރާކުރެއްވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށެވެ. އަދި އެގޮތުން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ "ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް 2024-28" އިޝާރާތް ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އިސްތިރާޖީގެ ދަށުން ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
Heartened by the warm welcome I’ve received during my ongoing official visit to China.
— Dr Mohamed Muizzu (@MMuizzu) August 31, 2025
I met with His Excellency President Xi Jinping today in Tianjin and discussed expediting joint initiatives and explored potential avenues to expand existing cooperation. Our solid development… pic.twitter.com/nN4y6pXch3
ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި، އިންވެސްޓްމަންޓުގެ ދާއިރާއާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ދެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ.