ޚަބަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ކޯލޯ މުއާނީ ޓޮޓްނަމް އަށް


ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް ރަންޑަލް ކޯލޯ މުއާނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓްނަމް ހޮޓްސްޕަރ އަށް ބަދަލުވެއްޖެ އެވެ.

ފްރާންސް އަށް އުފަން އުމުރުން 26 އަހަރުގެ ކޯލޯ މުއާނީ ޓޮޓްނަމް ހޮޓްސްޕަރ އާއި ގުޅިފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. ޓްރާންސްފަރ ބާޒާރުގެ ފަހު ދުވަހު ކޯލޯ މުއާނީ އާއިއެކު ޓޮޓްނަމް އިން އެއްބަސްވުމަކަށް އައިސްފައިވާއިރު އޭނާ މިހާރު މަޑު ކުރަނީ ވޯކް ޕަރމިޓްގެ އިތުރުން އޭނާގެ އައިޓީސީ އަށެވެ.

މީގެ ކުރިންވެސް ކޯލޯ މުއާނީ ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާއިރު އޭނާ ހޯދުމަށް މަސައްކަތް ކުރި ކްލަބްތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑް އާއި ޗެލްސީގެ އިތުރުން ވެސްޓް ހޭމް ޔުނައިޓެޑް ހިމެނެއެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅު ލޯނު އެއްބަސްވުމެއްގެ ދަށުން ކޯލޯ މުއާނީ ކުޅެފައިވަނީ އިޓަލީގެ ޔުވެންޓަސް އަށެވެ. އެ މުއްދަތުގައި އޭނާ ޔުވެންޓަސް އަށް ކުޅުނު 16 މެޗުގައި ވަނީ 8 ލަނޑު ޖަހާފަ އެވެ.

2023 ވަނަ އަހަރު ޕީއެސްޖީ އާއި ގުޅުނު ކޯލޯ މުއާނީ ވަނީ އެ ކްލަބާއިއެކު ފްރެންޗް ލީގު ކާމިޔާބުކޮށްފަ އެވެ.

ފްރާންސްގެ ގައުމީ ޓީމުގައިވެސް ހިމެނޭ ކޯލޯ މުއާނީ ވަނީ ގައުމީ ޓީމަށް 31 މެޗު ކުޅެފަ އެވެ. އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފަ އެވެ.