ޚަބަރު

ނިއުރޭޑިއަންޓުން ޕްރެކްޓިސް ފަށައިފި


ފުރަތަމަ ޑިވިޝަނުން އަލުން ފުރުސަތު ލިބިފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފަރިތަކުރުންތައް ފަށައިފިއެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން މިއަދު ނިއުރޭޑިއަންޓުން ފަރިތަކުރުންތައް ފެށިއިރު ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމާއެކު ލަންކާގައެވެ. އަދި ބިދޭސީ ހަތަރު ކުޅުންތެރިންވެސް މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ފަރިތަކުރުންތަކަށްފަހު ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަމުން ކޯޗު ބުނީ މި ހަފްތަަގައި ބިދޭސީ ކުޅުންތެރިން ޓީމާއި ގުޅޭނެ ކަމަށެވެ. މިއަދު ދެ ކުޅުންތެރިން ރާއްޖެ އައިސްފައިވާއިރު ނިއުރޭޑިއަންޓުން އަމާޒު ހިފާފައިވަނީ މުޅި ސްކޮޑާއި އެކު ފަރިތަކުރުންތައް ބާއްވާ ލީގު ފެށެންވާއިރަށް ޓީމުގެ ވަރުގަދަ ކުރުމަށެވެ. ނިއުގެ އައު ސްކޮޑްގައި ގިނަ ޒުވާން ކުޅުންތެރިންނާއި އެކު ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނެެއެވެ.

25 ކުޅުންތެރިން ހަމަކޮށް ސީޒަނަށް ނިކުންނައިރު ނިއު އިން އެހެން ޓީމުތަކަށްވުރެ ލަހުން ޕްރެކްޓިސް ފެށިނަމަވެސް ކުޅުމުން އެކަން ނުދައްކާ ވޭތޯ ބަލާނެ ކަމަށް ކޯޗު ސުޒެއިން ބުންޏެވެ.

ނިއުރޭޑިއަންޓުން ހަތް އަހަރަށްފަހު ފުރަތަމަ ޑިވިޝަނަށް ނިކުންނައިރު އެ ކުލަބަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ ލިބުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުގައި ނުކުޅެވޭނެ ކަމަށް އެފްއޭއެމަށް އެންގުމާއި ގުޅިގެންނެވެ.