ރާއްޖެ އުފެދިފައިވާ ގޮތުން އެއްރަށުން އަނެއް ރަށައް ދަތުރުކުރުމަކީ ތަކުލީފު ބޮޑު އެހާމެ ޚަރަދުވެސް ބޮޑު ކަމެކެވެ. އެހެންނަމަވެސް ރަށުން ނުލިބޭ މުހިއްމު އެތައް ޚިދުމަތްތަކެއް ހޯދަން އަތޮޅުގެ ވެރިކަންކުރާ ރަށް ނުވަތަ ދިގުދަތުރެއްކޮށްގެން ދެވޭ ސަރަޙައްދީ ހޮސްޕިޓަލަކަށެވެ. ނޫންނަމަ ވެރިކަން ކުރާ މާލެއަށެވެ.
ގިނަފަހަރަށް އެފަދަ ބޭނުންތަކުގައި ކުރާ ދަތުރުތަކަށް އާންމު ރައްޔިތުންގެ ޖީބުން ހާހުން ޚަރަދުކުރަން ޖެހެއެވެ. އާންމުގޮތެއްގައި ރައްޔިތުން އެކި ރަށްރަށަށް ދަތުރު ކުރަން ޖެހެނީ ސިއްޙީ ޚިދުމަތް ހޯދުމަށެވެ. ރަށުން ނުލިބޭ ސިއްޙީ ޚިދުމަތް ހޯދަން ދާންޖެހެނީ ބަލީގެ ތަކުލީފުތަކާއެކު އެތަކެއް ޚަރަދުތަކެއް ކޮށްގެންނެވެ. މިއީ އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫނެއެވެ. އަނެއްކޮޅުން ރަށްރަށުންވެސް ނުލިބޭ ސިއްޙީ ޚިދުމަތް ހޯދަން ޖެހެނީ މާލެއިންނެވެ. މާލެއިން ޑޮކްޓަރަށް ދެއްކުމަށާއި ސިއްޙީ ޚިދުމަތް ހޯދުމަށް މާލޭގައި ހޭދަވާ މުއްދަތުގައި ހުރުމާއި ކެއުން ފަދަ ކަންކަމަށް އެކަނި ޚަރަދުކޮށްގެންވެސް މީހާގެ އެއްމަތި ހުސްވާ ފަހަރު މަދެއް ނޫނެވެ.
ސިއްޙީ ޚިދުމަތް އާސަންދައިން ލިބުނު ނަމަވެސް ރަށްރަށުން މާލެއަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ގިނަ މީހުންނަކީ މާލެއިން ދުވަހު ކުއްޔަށް ކޮޓަރި ހިފައިގެން ތިބޭ މީހުންނެވެ. ބައެއް މީހުން ކޮންމެ 3 މަހުން އަދި މަހަކު އެއްފަހަރުވެސް މާލެއަށް ދަތުރުކުރަން ޖެހެއެވެ. މިއީ ސިއްޙީ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅާކޮށް ކުރިއަރުވަންޖެހޭ މުހިންމު ސަބަބުތަކެކެވެ. މިހާރުވެސް އަތޮޅުތެރެއިން މީގެ ކުރިން ނުލިބޭ ޚިދުމަތްތައް ވަނީ ފުޅާކޮށްފައެވެ. މީގެ ތެރެއިން އެއް ޚިދުމަތަކީ ކިޑްނީ ބަލީގެ މީހުން ހަދަންޖެހޭ ޑަޔަލިސިސް ޚިދުމަތެވެ.
ކިޑްނީ ބަލީގެ މީހުން އިތުރުވެ ކިޑްނީ ފެއިލްވާ މީހުންގެ ގިނަ ވާން ފެށުމާއެކު، ރާއްޖޭގެ ފުރަތަމަ ޑަޔަލިސިސް ސެންޓަރު ގާއިމްކުރީ 2001ވަނަ އަހަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީވެސް ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ޚިދުމަތް ހޯދަންޖެހޭ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިޚިދުމަތް ހޯދަން މިހާރު ޖެހެނީ ޚިދުމަތްދޭ މަރުކަޒެއް ހުންނަ ރަށަކަށް ދިރިއުޅުން ބަދަލުކޮށްގެންނެވެ. ޑަޔަލަސިސްގެ ޚިދުުމަތް ހޯދާ ގިނަ މީހުން މިހާރުވެސް ތިބީ މާލެ ސަރަޙައްދުގައެވެ.
މިޚިދުމަތް މާލެއާއި އަތޮޅުތަކުގެ ބޮޑެތި ރަށްތަކުގައި ގާއިމްކުރުމަށް ސަރުކާރުންވަނީ މަޝްރޫޢެއް ފައްޓަވާފައެވެ. މާލެ ސަރަޙައްދުގައި ސިއްޙީ ފަރުވާދޭ ހުރިހާ ބޮޑެތި ހޮސްޕިޓަލުތަކުގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު ސަރުކާރު ހޮސްޕިޓަލުތަކުގައި މިޚިދުމަތް ފުޅާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު 2023ވަނަ އަހަރުގެ ނޮވެންބަރު މަހާއި ހަމައަށް 10 އަތޮޅެއްގައި 11 ޑައިލިސިސް ސެންޓަރުގައި 42 އެނދު ޤާއިމުކޮށްފައެވެ. އަދި 2023ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިހާތަނަށް 8 އަތޮޅެއްގައި 18 ޔުނިޓު ޤާއިމުކޮށްފައިވާއިރު މިމުއްދަތުގެ ތެރޭގައި ކުރިން ހުރި 2 ސެންޓަރެއްގައި ޚިދުމަތް ފުޅާކޮށް، އިތުރު 4 ޔުނިޓު ވަނީ ޤާއިމުކޮށްފައެވެ.
އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ އާބާދީ ބޮޑު ސަރަޙައްދުތައް ކަމުގައިވާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ޅ. އަތޮޅު ހޮސްޕިޓަލުގައި ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި މިވަގުތު ޑަޔަލިސިސްގެ ޚިދުމަތް ނުފެށި އޮތީ، އދ. އަތޮޅާއި، ވ. އަތޮޅުގެ އިތުރުން ފ. އަތޮޅު އަދި ދ. އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކުރުމެވެ.
އެހެންކަމުން މިމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ޤާއިމްކުރެއްވިއްޖެނަމަ ރައްޔިތުންނަށް އެތަކެއް ލުއިތަކެއް ލިބޭނެއެވެ. ޚާއްސަކޮށް އެކި ސަރަޙައްދުތަކުން އެ ޚިދުމަތް ލިބެން ފެށުމުން ކިޑްނީގެ ބައްޔަށް ފަރުވާ ހޯދުމާއި ޚާއްސަކޮށް އެޚިދުމަތް ހޯދުމަށް މާލެއައުމާއި މާލޭއަށް ދިރިއުޅުން ބަދަލުކުރަންޖެހިފައިވާ މީހުން އަލުން އަމިއްލަ ވަޒަނުގައި ތިބެގެން ފަރުވާ ލިބޭނެ މަގު ފަހިވެގެންދެއެވެ. އަމިއްލަ ރަށުގައި ޚިދުމަތް ނުފެށުނު ނަމަވެސް އަތޮޅު ވެރިކަން ކުރާ ރަށުގައި ޚިދުމަތް ހަމަޖެހިފައިވާނަމަ، އާރުޓީއެލް ފެރީގައި ކުރު ދަތުރެއް ކޮށްގެން ޚިދުމަތް ހޯދިދާނެއެވެ. ނުވަތަ އަތޮޅުވެރިކަން ކުރާ ރަށުގައި މާލެއަށްވުރެ ކުޑަ ޚަރަދެއް ކޮށްގެން ޚިދުމަތް ހޯދިދާނެއެވެ.
ޑަޔަލަސިސް ފަދަ ޚިދުމަތް ހޯދާ ފަރާތްތަކަށް އާރުޓީއެލް ފެރީ ތަކުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެމްޓީސީސީއާ ގުޅުންހުރި އިދާރާތަކުން މިހާރުވަނީ ފަށާފައެވެ.