ކީރިތި މާތް ނަބިއްޔާ، މުޙައްމަދުގެ ފާނުދެކެ ތިބާގެ ނިޔަތާއި، ޢަމަލުން ފުރިހަމައަށް ލޯބިނުވާނަމަ، ކުރާ ހެޔޮ ޢަމަލުތައް ބާތިލުވެދާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ، "ކީރިތި ރަސޫލާދެކެ ލޯބިވުން" މި މަޢުޟޫއެވެ.
ހުކުރު ޚުތުބާގައި ވިދާޅުވީ، ކީރިތި މާތްނަބިއްޔާ މުޙައްމަދު ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމްދެކެ ލޯބިނުވާނަމަ އެމީހަކު ކުރާ ޢަމަލުތައް ބާތިލުވެދާނެކަމަށެވެ. އެގޮތުން، އެކަލޭގެފާނަށް އިޚްތިރާމްކުރުމާއި، އެކަލޭގެފާނުގެ ސުންނަތަށް ތަބަޢަވުންފަދަ ޢަމަލުތައް ނުކުރާމީހުންގެ ޢަމަލުތައް ބާޠިލުވެދާނެކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަދައްކާ ފަދައިން، އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބައި، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ." މި އަދު އެކަލޭގެފާނު ދެކެ ލޯބިވުމުގެ ތެރޭގައި، އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި، ސުންނަތް ދިފާޢުކުރުމާއި، ސުންނަތުގެ މައްޗަށް ބަސްނުކިޔުމާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި، އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނެއެވެ". ޚުތުބާގައި ވިދާޅުވިއެވެ.
ކީރިތި ރަސޫލާއަކީ، އުންމަތަށް ނުހަނު އޯގާވެރި ބޭކަލެއްކަމާއި، އާދައިގެ މުސްލިމުންނެކޭ އެއް ފަދައިން އެތައް ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގަތް ބޭފުޅެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، އެކަލޭގެފާނަކީ، މީސްތަކުންގެ ކުށްތަކަށް މަޢާފުކޮށްދެއްވުމުގައާއި، ދީލަތިފުޅުކަމުގައި ވެސް އިންތިހާކަމަށެވެ.
"އަދި، އެއުރެން އެއުރެންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް اللَّهގެ ޙަޟުރަތަށް ދަންނަވައި އެދުނު ނަމަ، އަދި ރަސޫލާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާކުރެއްވި ނަމަ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ކަލަކުކަމުގައި އެއުރެން اللَّه ދެކޭނެކަން ކަށަވަރެވެ." ޚުތުބާގައި ވިދާޅުވިއެވެ.
ޚުތުބާގައި ވިދާޅުވީ، ކީރިތި މާތް ނަބިއްޔާ ރަސޫލުކަމާއިގެން ފޮނުވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލުކަމުގެ ކަނު އަދިރީގައި، އަނިޔާއާއި ބޭއިންސާފުން ފުރިފައިކަމަށެވެ. އަދި ބާރުއޮތީ ތަނަވަސްކަމާއި ނުފޫޒުގަދަ މީހުންގެ އަތުގައިކަމަށާއި، މީސްތަކުންތިބީ އެކި ފަންތިތަކަށް ބަހައިފައިކަމަށެވެ.
އެހެންނަމަވެސް ކީރިތި މާތް ނަބިއްޔާ ރަސޫލުކަމާއިގެން ފޮނުއްވުމާއެކު، އެކަލޭނެގެފާނު ގެނެސްދެއްވި ދީނުގައި އިންސާފާއި، ހަމަހަމަކަން އޮތްކަމަށާއި، އިސްލާމްދީނުގެ ސަބަބުން އޭރު ބައިބައިވެފައިއޮތް މުޖުތަަމަޢު އެކުވެރިވިކަމަށް ޚުތުބާގައި ވިދާޅުވެއެވެ.