ކުޅިވަރު

ރާއްޖެ - ލަންކާ މެޗުގެ ޓްރޮފީ ދައްކާލައިފި


ސްރީލަންކާ އާއި ދިވެހިރާއްޖެ ކުޅޭ ރަހުމަތްތެރި ކަމުގެ ދެ މެޗުގެ ޓްރޮފީ ދައްކާލައިފި އެވެ.

ދެކުނު އޭޝިޔާގެ ސުޕަކަޕްގެ ގޮތުގައި ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. ދެ ވަނަ މެޗު އޮންނާނީ އަންގާރަ ދުވަހު އެވެ.

މެދުގައި އެނބުރޭ ބޯޅަ އެއް ހިމެނޭގޮތަށް ރިހި ކުލައިން ތައްޔާރުކޮށްފައިވާ ޓްރޮފީގެ އަސްލަކަށް ބަލާފައިވަނީ މި އަހަރު ފީފާއިން ބޭއްވި ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓްރޮފީ އެވެ. މި ޓްރޮފީގައި ދެކުނު އޭޝިޔާގެ ސުޕަކަޕްގެ އިތުރުން ރާއްޖެ އާއި ލަންކާގެ ނަން ވެސް ވަނީ ޖަހައިފަ އެވެ.

މި ތަށި ދައްކާލުމަށްފަހު ސްރީލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖަސްވަރު އުމަރު ވިދާޅުވީ މި މެޗަކީ މީގެ ފަހުން ކޮންމެ އަހަރަކު ވެސް ކުޅެން ބޭނުންވާ މެޗެއް ކަމަށެވެ. އަދި ރާއްޖެ އާއި ލަންކާ އަކީ ފުޓްބޯޅައިގައި ވަރަށް ވާދަވެރި ދެ ގައުމު ކަމަށާއި މި ވަގުތު ލަންކާ މަސައްކަތް ކުރަނީ ފީފާ ރޭންކިންގައި ކުރިއެރުން ހޯދުމަށާއި ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށެވެ.

އޭނާ ބުނީ މި ދެ މެޗަކީ ކޮލިފައިންގައި ލަންކާ އަށް ކުރި ހުރި ދެ މެޗަށް ލިބޭނެ ވަރަށް މުހިންމު ތަޖުރިބާއަކަށްވާނެ ކަމަށެވެ.

މި އަހަރު މި މެޗު ލަންކާގައި ކުޅުނަސް ކުރިމަގުގައި މި މެޗު ކުޅެން ބޭނުންވަނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ގައުމުގައި ކަމަށް ވެސް ޖަސްވަރު ވިދާޅުވި އެވެ.