ޚަބަރު

ޢިޖްތިމާޢީ މައްސަލަތައް ޙައްލުކުރަން ކުރެވޭނެ ކަންކަން ބަލަންޖެހޭ


ޤައުމުގައި ހުރި ޢިޖްތިމާޢީ މައްސަލަތައް ޙައްލުކުރެއްވުމަށް ފަރުދީގޮތުން އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަންޖެހޭކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ވަރަށް ގިނަ ތަފާތު އިޖްތިމާޢީ މައްސަލަތައް މިއަދު މި ޤައުމުގައި އަށަގެންފައި އެބައޮތް ކަމަށެވެ. އަދި މިމައްސަލަތައް ހައްލުކުރެވޭނީ ކިހިނަކުންތޯ ބަލައި ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރުމަކީ، މިއަދު ހަމަ ކޮންމެހެންވެސް ބޭނުންވެފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތަކަށް ރިއާޔަތްކޮށް، އެ މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި އޮފީސްތަކުގައި މަސައްކަތް ކުރައްވާ މީހުންގެ އިތުރުން ފިލްމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިއްޖެނަމަ މި މައްސަލަތައް ހައްލު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

"ޒަމާން ބަދަލުވަމުން އައިސް މިއަދު އަޅުގަނޑުމެން މިތަޖުރިބާ ކުރާ ދިވެހި ރާއްޖޭގައި އަޅުގަނޑުމެން ދިރިއުޅެމުންދާއިރު މިއަދު ތަޖުރިބާކުރަން މިޖެހެނީ އަޅުގަނޑުމެން ކުޑައިރު ތަޖުރިބާކުރަން ޖެހުނު ކަންތައްތަކެއް ނޫން. އަޅުގަނޑުމެން މިހާރު ތަޖުރިބާކުރަމުން މިދާ ބައެއް ކަންތައްތަކަކީ އިސްލާމްދީނުގައި އެކަންތައްތައް އޮތް ގޮތެއް ނޫން. އަދި އާދަކާދައިގެ ތެރޭގައި އެކަން އޮތް ގޮތެއްވެސް ނޫން. ވަރަށް ގިނަ އިޖްތިމާއީ މައްސަލަތައް މިއަދު އަޅުގަނޑުމެންގެ ގައުމުގައި އަށަގެންފައި އެބައޮތް." މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.