ކުޅިވަރު

ސިޓީއާ ދެކޮޅަށް ކުޅުމަކީ ބިރުވެރިކަމެއް: ޑި ބްރޭނާ


މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެ ކުލަބުގެ ދަނޑުގައި ކުޅުމަކީ ބިރުވެރި ކަމެއް ކަމަށް މި ސީޒަނުގައި ނާޕޮލީއަށް ބަދަލުވި ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާ ބުނެފި އެވެ.

އޭނާ އަކީ ފާއިތުވެދިޔަ 10 އަހަރު ސިޓީ އަށް ކުޅެ އެންމެ ފަހުން އެ ކުލަބުގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާ އެވެ. އުމުރުން 34 އަހަރުގައި އޭނާ ސިޓީ ދޫކޮށްލީ އެ ކުލަބުގެ ސްކޮޑް ޒުވާން ކުރަން ފަށައި، އެއްބަސްވުން އައުނުކުރުމުންނެވެ.

"އިޓަލީ އަށް ބަދަލުވެ އަހަރެން އަދި މި ކުޅުނީ އެންމެ ދެ މެޗު. މިހާ އަވަހަށް ސިޓީގެ ދަނޑަށް ގޮސް އެ ކުލަބާ ދެކޮޅަށް ކުޅުމަކީ ދަތިކަމެއް. މިއީ ބިރުވެރިކަމެއް. ހަގީގަތުގައި ސިޓީ އަކީ އަހަރެންގެ ކުލަބު. އެކަން ބަދަލެއް ނުކުވާނެ. އެމީހުންނާ ދެކޮޅަށް ކުޅެން އަހަރެންނަށް އުނދަގޫވާނެ،" ޑި ބްރޭނާ ބުންޏެވެ.

އޭނާ ބުނީ ފާއިތުވެދިޔަ 10 އަހަރު ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީގައި އޭނާ ކުޅުނު ކުޅުމާއި ނާޕޮލީގައި ކޯޗު އެންޓޯނިއޯ ކޮންޓޭއާއެކު ކުރާ މަސައްކަތް ވަރަށް ތަފާތު ކަމަށެވެ.

"މިތަނުގައި ވަރަށް ޓެކްޓިކަލް ގޭމެއް ކުޅެނީ. ގާޑިއޯލާގެ ކޯޗުކަމުގައި އަހަރެން ކުޅުނީ މުޅިން ތަފާތުކޮށް. އިޓަލީގެ ފުޓްބޯޅަ ސިސްޓަމް ވަރަށް ތަފާތު،" ޑި ބްރޭނާ ބުންޏެވެ.

އޭނާ އަދި ބުނީ ޔުއެފާޗެމްޕިއަންސް ލީގުގައި ނާޕޮލީ އާއި ސިޓީ ވާދަކުރަން ޖެހުނު ހިސާބުން އޭނާ އަށް އެންމެ ފުރަތަމަވެސް ވިސްނުނީ އެ މެޗުގައި ނަފްސާނީ ގޮތުން ކުރިމަތިވާނެ އުނދަގޫތަކަށް ކަމަށެވެ.