ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" މި މަހުގެ 10ގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމަކީ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމުު ހަރުދަނާކޮށް ކުރިއެރުވުމަށް ޕެންޝަން އޮފީހުން ކުރަމުުންދާ މަސައްކަތުގެ ތެރެއިން މާލީ ދާއިރާގެ އިސް ފަރާތްތަކާ، މި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކުރުމަށްޓަކައި ކުރިޔަށް ގެންދާ ފޯރަމެކެވެ.
ކޮންމެ އަހަރަކުވެސް ޚާއްސަ ތީމެއްގެ ދަށުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރެވޭގޮތަށް އިންތިޒާމްކުރެވިގެން ކުރިއަށް ގެންދާ ފައިނޭންސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަކޮށްފައިވަނީ "ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މަރކެޓް"، މި މައުޟޫއަށެވެ.
މިއަހަރުގެ ފޯރަމްގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ހިޔާލުބަދަލުކޮށް، މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ތީމާ ގުޅޭ އެކި މައުޟޫއުތަކަށް ޕްރެސެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތައް އަދި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޕެންޝަން އޮފީހުން ވިދާޅުވެ.
ޕެންޝަން އޮފީހުން ވިދާޅުވީ މި ފޯރަމްގައި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިސްވެރިންނާއި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާކަމަށެވެ.