ރިޕޯޓް

ނިލަންދޫ ބަނދަރުމަތީގައި ހުންނަ އާދަޔާ ޚިލާފް ރުއް


ހުވަދުއަތޮޅު އުތުރުބުރީ ނިލަންދުއަކީ އެކުވެރި ރަޙްމަތްތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. މިރަށަކީ، ހިތްގައިމު އަދި އެހާމެ ރީތި ރަށެއްވެސް މެއެވެ. މިރަށުގެ ރީތިކަމާއި ހިތްގައިމުކަން އިތުރުކޮށްދޭ އެއް ކަމަކީ، ރަށުގެ ބަނދަރުމަތީގައި ހުންނަ އާދަޔާ ޚިލާފް ރުކެކެވެ.

އާބާދީގައި 2،000 އެއްހާ މީހުން ދިރުއުޅެމުން އަންނަ ހުވަދުއަތޮޅު އުތުރުބުރީ ނިލަންދުއަކީ ހުވަދުއަތޮޅުގެ އުތުރުފަރާތު އިރުމަތީ ބިތުގައި އޮންނަ ރަށެކެވެ. މަސްވެރިކަމުގެ އިތުރުން މިރަށަކީ ދަނޑުވެރިކަމުގެ މަސައްކަތްވެސް ކުރަމުން އަންނަ ރަށެކެވެ. އަދި މިމަސައްކަތުން އެރަށު ރައްޔިތުން އަންނަނީ ބޮޑު ނަފާއެއްވެސް ހޯދަމުންނެވެ. ނިލަންދުއަކީ އާސާރީ ތަންތަންވެސް ހިމެނޭ ރަށެކެވެ. މިރަށަށް އަންނައިރު ރަށުގެ މަލަމަތިން އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރަކީ އެރަށުގެ ބަނދަރުމަތީގައި ހުންނަ އާދަޔާ ޚިލާފް ރުކެކެވެ.

އެރަށުގެ ހަރު މީހުން ބުނެ އުޅޭގޮތުގައި މިރުކަށް ގާތްގަނޑަކަށް 30 އަހަރު ވެފައިވާއިރު، މިހާތަނަށް އަދި މި ރުއް ފޯދިފައެއް ނުވެއެވެ. އަދި މިރުއް ހެދެމުން އަންނަގޮތަށް ބަލާއިރު އެއިރަކު ވައިޖެހޭ ކޮޅަކަށް މި ރުއް އޮންނަނީ ލެނބިފައެވެ. މި ރުކާއެކު އެކީގައި އެތަނުގައި އިންދި ރުއްތައް ފޯދި ހެދެމުން އަންނަނީ ސީދަލަށެވެ. ނަމަވެސް މި ރުއް އޮންނަނީ ވަކި ހިސާބަކުން ގުދުވެލާފައި އަދި ރުކުގެ ފަންތައް ހުންނަނީ ލެއްޕިފައި ހުންނަ ގޮތަކަށެވެ.

މި ރުކާއި ބެހޭގޮތުން ޕީއެސްނިއުސްއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ވިދާޅުވީ، މި ރުކަކީ އެރަށުގެ ބަނދަރު ސަރަޙައްދުގައި ޔަންމާ ޝޯރޫމެއް މީގެ 30 ވަރަކަށް އަހަރު ކުރިން ހުޅުވިއިރު އެތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް އިންދާފައި ހުރި ރުއްތަކުގެ ތެރެއިން ރުކެއް ކަމަށެވެ. އަދި މި ރުއް ހެދެމުން އައިއިރުވެސް އައީ މިފަދަ ގޮތަކަށް ކަމަށާއި، މި މަންޒަރަކީ ރަށަށް އަންނަ ގިނަ މީހުންނަށް ހައިރާން ކަމެއް ގެންނަ މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިލަންދޫ ބަނދަރުމަތީގައި ހުންނަ މި ރުކަށް ގާތްގަޑަކަށް 30 އަހަރުވެފައިވާއިރު، މިރުކަށް އެއްވެސް ބަދަލެއް މިހާތަނަށް އައިސްފައެއް ނުވެއެވެ. އަދި މި ރުއް ވެގެންގޮސްފައި ވަނީ އެރަށުގެ ބަނދަރުމަތި ފަޅުފިލުވާލައި އަދި ތަފާތު މަންޒަރެއް ދައްކުވައިދޭ ޤުދުރަތީ ނިޝާނަކަށެވެ.