ސަރުކާރުގެ މަސްކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން، ޗައިނާގައި ކުރިއަށްދާ ބައިނަލްއަޤުވާމީ ފެއަރއެއް ކަމަށްވާ، ޗައިނާ އިންޓަރނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް، (ސިފިޓް 25)ގައި ބައިވެރިވެއްޖެއެވެ.
މި ފެއަރ ކުރިއަށްދަނީ މިމަހުގެ 8އިން 11އަށް، ޗައިނާގެ ފުޖިޔާން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއަރގައި މިފްކޯއިން ވަނީ ޚާއްސަ ސްޓޯލެއް ބަހަށްޓާފައެވެ. މި ސްޓޯލް މެދުވެރިކޮށް ކަނޑުމަހުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ފަރާތްތަކަށް ތަޢާރަފްކޮށް ޕްރޮމޯޓްކުރަމުންދާނެކަމަށް ވިދާޅުވިއެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ ލޯކަލް ސޭލްސް އެންޑް މާކެޓިންގ، އައިޝަތު ރިޔާޒާ ވިދާޅުވީ، މި ފެއަރގައި މިފްކޯގެ ތަފާތު އުފެއްދުންތައް ދައްކާލައި، ފެއަރއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެކަމަށެވެ.
މި ފެއަރގައި ބައިވެރިވުމުގެ އެންމެ މުހިންމު ބޭނުމަކީ ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ މާކެޓުތަކަށް ފުޅާކުރުންކަމަށް އޭނާ ވިދާޅުވެއެވެ. މީގެ އިތުރުން ޗައިނާއަށް މިފްކޯގެ ވިޔަފާރި ތައާރަފުކޮށް، ދިވެހިރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް އާ ދޮރުތަކެއް ހުޅުވުވައިދިނުމަކީވެސް މި ފެއަރގައި ބައިވެރިވުމުގެ މަގުސަދެއްކަމަށް ރިޔާޒާ ވިދާޅުވިއެވެ.
ޗައިނާގައި ކުރިއަށްދާ މި ފެއަރގައި މިފްކޯއިން ބައިވެރިވެފައިވާއިރު، މިހާރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއަރގައިވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ. އެފްއެޗްއޭއެމް ފެއަރގައި ބަހައްޓާފައިވާ މިފްކޯގެ ސްޓޯލަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެކުންފުނިން ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ ބައިނަލްއަޤުވާމީ އަދި ޤައުމީ ފެއަރތަކުގައި ބައިވެރިވުމަކީ މިފްކޯއިން އެ ކުންފުނީގެ އުފެއްދުންތައް ފުޅާކޮށް، ގިނަ ބަޔަކާ ހަމައަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަމަށްވެސް ވިދާޅުވިއެވެ.