ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން 3-0 ގެ ނަތީޖާއަކުން ރާއްޖެ ހޯދި ކާމިޔާބީގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ވަނީ އަލުން އިތުރުވެފައެވެ.
ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒެއިން އާއި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ސޮބާހު މުޙައްމަދު ބުނީ މި މަހު 15 ގައި ފުޓްބޯޅަ ސީޒަން ފެށޭއިރު ގައުމީ ޓީމުން ނެރުނު މި ނަތީޖާގެ ސަބަބުން ފުޓްބޯޅައިގެ ރޫހުވެސް ވަރަށް ބޮޑުތަކުން އިތުރުވާނެ ކަމަށެވެ.
”ހާއްސަކޮށް މޯހަން ހަވާލުވެފަ ޓީމަށް އެގެނައި ކުދި ކުދި ބަދަލުތަކުންވެސް ޓީމުގެ ރޫހު ބަދަލުވެގެންދިޔަ. އޭގެ އިތުރުން ބައެއް ކުޅުންތެރިންގެ ވިސްނުންވެސް ބަދަލުވެގެންދާނެ“ ކަމަށް ސުޒެއިން ބުންޏެވެ.
ފުޓްބޯޅައިގެ މިހާރު އޮތް ހާލަތަށް ބަލާއިރު މިއީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށާއި، މި ނަތީޖާގެ ސަބަބުން ދިވެހިން އަނެއްކާވެސް ފުޓްބޯޅައާ މެދު ދެކޭގޮތް ބަދަލުވިކަން ކޮލަމްބޯއަށް ދިޔަ ދިވެހިންގެ އަދަދުން ހާމަވެއްޖެ ކަމަށް ސުޒެއިން ބުންޏެވެ.
އަދި ގައުމީ ޓީމުގެ އައު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ޓީމަށް ގެނައި ކުދި ކުދި ބަދަލުތަކުންވެސް ޓީމުގެ ރޫހު ރަނގަޅު ވެގެންދިޔަ ކަމަށާއި، ކުޅުންތެރިންގެ ވިސްނުންވެސް ބަދަލުވެގެންދާނެ ކަމަަށް ސުޒެއިން ބުންޏެވެ.
ލަންކާއިން ރާއްޖެ އަންޑައެސްޓިމޭޓް ކުރީ މިދޭތެރެއިން ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ކަމަށާއި، އެހެންނަމަވެސް ރާއްޖެ ބަލިކުރަން އެހާ ފަސޭހަނުވާނެކަން މިހާރު ލަންކާއަށް އެނގޭނެ ކަމަށް ސުޒެއިން ބުންޏެވެ.
އަދި ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށްދާއިރު، ހޯމް މެޗުތަކުގައި ސަޕޯޓަރުން އަނެއްކާވެސް ދަނޑަށްދާނެ ރަނގަޅު ސަބަބެއް ގަައުމީ ޓީމަށް ލަންކާ އަތުން މޮޅުވި މެޗުގައި ދެއްކިއްޖެ ކަމަށާއި، އެހެންކަމުން ވަރަށް ފޯރީގައި އެ މެޗުތައް ދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ސުޒެއިން ބުންޏެވެ.
މިދިޔަ ދުވަސްތަކުގައި ލަންކާގެ ފުޓްބޯޅަ ދިޔައީ ރާއްޖެއަަށްވުރެ މާ އެކްޓިވްކޮށް ކަމަަށާއި އެހެންނަމަވެސް ރާއްޖޭން ފުރަތަމަ މެޗުގައި ނެރުނު ނަތީޖާއަކީ މިވަގުތު ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ވަރަަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސުޒެއިން ބުންޏެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ސޮބާހު މުޙައްމަދު ބުނީ ރާއްޖޭގެ ގައުމީ ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ލަންކާ އަތުން ރާއްޖެ ބަލިވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ސޮބާހް ބުނީ އެއް އަހަރު ދުވަހު ލީގު ނުކުޅެ އޮތަސް އެކި މުބާރާތްތައް ކުޅެފައިވުމުން ކުޅުންތެރިންގެ ހުނަރާއި ބުންވަރަށް ބަލާއިރު ލަންކާ ބަލިނުކުރެވޭނެކަމަށް ގަބޫލުނުކުރާކަމަށެވެ. އަދި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ކުޅުންތެރިންގެ އިތުބާރު ވަރަށް ބޮޑަށް ފެނިއްޖެ ކަމަށާއި، ވަރަށް ބޮޑަށް ލަންކާ ޕްރެޝަރަށް ވެއްޓިގެން ދިޔަތަން ފެނުން ކަމަށްވެސް ސޮބާހް ބުންޏެވެ.
”ކުޅުންތެރިންގެ އިތުބާރާއި އެކީގައި ކުޅުންތައް ފެނުނީ. އެއީ ވަރަށް ރަނގަޅަށް މެޗުތެރޭގައި ފެށިގެންގޮސް ގޯލާއި ހަމައަށް ވަރަށް ބޮޑަށް ހަމަ ލަންކާޕްރެޝަރަށް ވެއްޓިގެން ދިޔަ. ދެން އެމީހުންގެ ފުޓްބޯޅަ ހުރިހާ ގޮތަކުން ބެލިޔަސް ރާއްޖެއަށްވުރެ އެކްޓިވްކޮށް މި ދިޔައީ“ ސޮބާހް ބުންޏެވެ.
ލަންކާއިން ރާއްޖެ ބަލިކުރެވޭނެ ކަމުގެ އުންމީދުގައި ނިކުތްނަމަވެސް މި ލިބުނު ކާމިޔާބީން ފެނިގެންދިޔައީ ކުރިއަށް އޮތް ތަނުގައި ލީގު ފެށުމުން، ރާއްޖެއާ ހަމަކުރަން ލަންކާއަށް އުނދަގޫވާނެ މަންޒަރު ކަމަށް ސޮބާހު ބުންޏެވެ. އަދި ވިސްނުންތެރިކަމާއެކު ކުޅުންތެރިން ކުޅޭހިތުން ކުޅެފިނަކަ ދެވަނަ މެޗު ރާއްޖެއަށް ކާމިޔާބުކުރެވޭނެ ކަމަަށްވެސް ސޮބާހު ވަނީ ބުނެފައެވެ.