ޚަބަރު

ބައިނަލްއަޤްވާމީ އެއަރލައިންތަކުން ރާއްޖެއަށް ކުރި ދަތުރުތައް އިތުރުވެއްޖެ


  • 5% ކުރިއެރުމެއް ވަނީ ހޯދާފައި

  • ޝެޑިއުލްކޮށް ކުރި ދަތުރުތައް ވަނީ ބޮޑުތަނުން އިތުރުވެފައި

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު %5 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއަށް ބައިނަލްއަޤްވާމީ ފްލައިޓްތަކުން 10،187 ދަތުރުވަނީ ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ދަތުރުކޮށްފައިވަނީ 9،698 ފްލައިޓެވެ. އެހެންކަމުން މިއީ %5 އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ފްލައިޓް މޫވްމަންޓްސް އިތުރުވެފައިވާއިރު ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ ދަތުރުތައް ވަނީ އިތުރުވެފައެވެ. މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޝެޑިއުލް 9،358 ދަތުރުވަނީ ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 8،866 ދަތުރެވެ. އެހެންކަމުން މިއީ %5.5 އިތުރުވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ޖެނެރަލް ފްލައިޓް މޫވްމަންޓްސް ވަނީ ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ޖެނެރަލް ފްލައިޓް މޫވްމަންޓްސް އުޅުނީ 829 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 832 ގައެވެ. ޖެނެރަލް ފްލައިޓްތަކުގެ ގޮތުގައި ބަލަނީ ޗާޓަރ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކެވެ.

ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްސް އިތުރުވެފައިވާއިރު ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކަކުން ދަނީ އެ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިންވެސް ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.7 އިތުރު އަދަދެކެވެ.