ޚަބަރު

ބްރެންޓްފަޑުން ފަހު ވަގުތު ޗެލްސީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ބްރެންޓްފަޑުން ކާމިޔާބުކުރި ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު އެ ޓީމުން ވަނީ ބްރެންޓްފަޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މެޗުގެ 35 ވަނަ މިނިޓުގައި ބްރެންޓްފަޑްގެ ކެވިން ޝޭޑް ކާމިޔާބުކޮށްދިން ލަނޑާއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަށް ވަނީ އެ ޓީމަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވެފަ އެވެ.

އެގޮތުން ދެވަނަ ހާފަށް ނިކުތްއިރު މަރެސްކާ ވަނީ މާކް ކުކުރެޔާ އާއި ރީސް ޖޭމްސްގެ އިތުރުން ތާރިގް ޖޯޖް ކުޅެން އަރުވާފަ އެވެ. އަދި ދެވަނަ ހާފުގެ ކޫޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ގިޓެންސްގެ ބަދަލުގައި ކޯލް ޕާމާވެސް ވަނީ ކުޅެން އަރުވާފަ އެވެ.

ޗެލްސީ އަށް ގެނައި ބަދަލުތަކާއިއެކު އެ ޓީމުގެ ކުޅުން ވަނީ އިތުރަށް ވަރުގަދަވެ އިދިކޮޅު ޓީމުގެ ގޯލަށް ވަނީ ނުރައްކާކޮށްފަ އެވެ.

ޗެލްސީ އަށް މި މެޗުގައި ނަތީޖާ އެއްވަރުކޮށްދީފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ކޯލް ޕާމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް މޯސެސް ކައިސީޑޯ ވަނީ އިތުރު ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފަބިއޯ ކަވާލިއޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި ނަތީޖާ އާއިއެކު ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ޗެލްސީ އަށް ލިބިފައިވާ 8 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ބްރެންޓްފަޑަށް ހަތަރު މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އެ ޓީމު އޮތީ 12 ވަނައިގަ އެވެ.