ޚަބަރު

ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަ ލޯނަށް 2 ހަފްތާ ތެރޭގައި ހުޅުވާލަނީ


  • ރާއްޖޭގައި ކްރީއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަކީ ރައީސްގެ ވަޢުދެއް

  • ސްކީމް އެކުލަވާލުމަށް ފަންނީ މަސައްކަތް ނިމުމަކާއި ހަމައަށް ވަނީ ގޮސްފައި

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ތަޢާރަފް ކުރާ ލޯން ސްކީމަށް ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމެނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގައި ކްރީއޭޓިވް އިކޮނޮމީއެއް ޤާއިމްކޮށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ވަޢުދެކެވެ. މިކަމާއި ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ނިމުމަކާއި ހަމައަށް ގޮސްފައިވާ ކަމަށެވެ. މި ސްކީމް ގެ މަޤްޞަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެތެރޭގައި، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ޚާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމު ވަނީ ފަރުމާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ސްކީމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ދަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދާނީ ލިބޭނެ ގޮތްތަކާއި ގުޅޭގޮތުން އެކި މަންސަތަކުގައި މަޝްވަރާކުރަމުންނެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ވަފުދާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރު މިދިޔަ އަހަރު ޖުލައި މަހު ސަރުކާރުގެ އިސްވަފުދެއްް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރީއޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވްއާއިވެސް މަޝްވަރާކޮށްފައެވެ.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވުރެކެވެ.

ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ މެނިފެސްޓޯގެ މުހިންމު ވައުދުފުޅަކަށްވާއިރު، 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ސަރުކާރުގެ އަމާޒަކެވެ. ރައީސުލުމްހޫރިއްޔާ ވަނީ މި އަމާޒު ހާސިލްވާނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.