ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ޢިއްޒުއްދީން ފާލަން އަލުން ފަރުމާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައި، އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި މަޝްރޫޢެކެވެ.
ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މާލެ އުތުރުފަރާތުން ފަށާފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުގައެވެ.
މި މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން އެމް.އެމް.އޭ ސަރައްހައްދުގައި މަގު ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން އެމަނިކުފާނު ވަނީ އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ޝީޓްޕައިލްކޮށް އިންސްޓޯލް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް ނިންމާފައިވާއިރު، މި ފިޔަވަހީގައި ބިން ހިއްކުމުގެ 82 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިންމާފައެވެ.
މިމަޝްރޫގެ ދަށުން މިހާރުކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަޒް އަބްދުﷲ ފާއިޒް ވިދާޅުވީ ޝީޓް ޕައިލްގެ މަސައްކަތަށް ފަހު މިހާރު ކުރިއަށްދަނީ އެސަރަޙައްދު ހިއްކުމުގެ މަސައްކަތްކަމަށާއި، އެމަސައްކަތް މާދަމާގެ ނިޔަލަށް ނިންމާލެވޭނެކެމަށެވެ.
"ހޮނިހިރުން ފަށާއިގެން ޕްރީކާސްޓް ޕެނަލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައި، އޭގެފަހުން ކެޕިންގއަށް ބޭނުންވާ ކޮންކްރީޓް މަސައްކަތް ކުރުން. ޓާގެޓަކީ އޮކްޓޫބަރު 13އަށް މިހާރުކުރިއަށްމިދާ މަސައްކަތްތައް ނިންމާލުން" ޝަރުވަޒް އަބްދުﷲ ފާއިޒް ވިދާޅުވިއެވެ.
ޝީޓް ޕައިލް އިންސްޓޮލޭޝަން: %100 ނިމިފައި
އެންކަރ ބްލޮކް އިންސްޓޮލޭޝަން: %64 ނިމިފައި
ސީ ޗެނަލް އިންސްޓޮލޭޝަން: %72 ނިމިފައި
ރިކްލެމޭޝަން: %82 ނިމިފައި
މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސް މަސައްކަތްކުރަނީ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް އަންނަ ރަމަޟާން މަސް ފެށެންވާއިރަށް އެއްކޮއްނިންމާލައި އާންމުނަށް ހުޅުވާލުމަށެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ޢިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ޙަވާލުކޮށްފައިވާ މިމަޝްރޫޢުގެ ދަށުން ބޮޑު ތަކުރުފާނުމަގު ތަރައްޤިކުރުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީވެ ނިމޭއިރު، ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭނެއެވެ.
މިމަޝްރޫޢުގެ ދަށުން މާލެ މާރުކޭޓު ސަރަޙައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ހިމެނޭ މަގު ތަރައްޤީކުރުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ. އެއީ 830 މީޓަރުގެ ސަރަޙައްދެކެވެ. މީގެ ތެރެއިން 737 މީޓަރުގައި އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރާނެއެވެ.
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.
މިއީ މާލޭގައި އެންމެ ކާރުބާރުބޮޑު އެއް ސަރަޙައްދެވެ. އަދި މިއީ މާލެއަށް އަރައި ފައިބާ މީހުން ބޭނުންކުރާ މައި ބަނދަރު ހިމެނޭ ސަރަޙައްދުގެ އިތުރުން ގިނަ އޮފީސްތައްވެސް ހިމެނޭ ސަރަޙައްދެކެވެ. އަދި މާލޭގެ މަލަމަތި ފެންނަ މައި ސަރަޙައްދަކީވެސް މިއެވެ.