17 އަހަރުންދަަށުގެ ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން 6-0 ގެ ނަތީޖާއަކުން އިންޑިއާ އަތުން ބަލިވެއްޖެއެވެ.
ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުރިއަށް މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މި ސަރަހައްދުގެ ގަދަ ބާރު އިންޑިއާއިން ވަނީ ފުރަތަމަ ހާފްގައި ރާއްޖޭގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު 2 ލަނޑު ޖަހާފައެވެ. އަދި ދެވަނަ ހާފްގައިވެސް ވަނީ 4 ލަނޑު ޖަހާފައެވެ.
އިންޑިއާގެ ފުރަަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޑައްލަލްމުއޮން ގަންޓޭއެވެ.
ދެވަނަ ލަނޑު ޖަހައިދިނީ ހްރިޝިކެޝް ޗަރަން މަނަވަތީއެވެ. ތިންވަނަ ލަނޑު ޖަހާދިނީ ކަމްގޮއުހައޯ ޑޮންގެލްއެވެ.
ދެވަނަ ހާފުގައި އިންޑިއާއަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގަންލެއިބާއެވެ. ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގަންޓޭއެވެ. މިމެޗުގެ 6 ވަނަ ލަނޑު އިންޑިއާއިން ކާމިޔާބުކުރީ އެ ޓީމުގެ އާޒިމް ޕަރްވީން ނަޖަރު ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ.
އިންޑިއާއަކީ 6 ފަހަރު 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ގައުމެކެވެ.
މިއަދުގެ މެޗުގައި ރާއްޖޭންވެސް ވަނީ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އިލާން އިމްރާން ބޯޅަ އާއިއެކު ގޯލު އޭރިއާތެރެެއިން ކުރިއަށްފޮނުވާލަން އުޅުނު ބޯޅައެއް އިންޑިއާގެ ކުޅުންތެރިން ވަނީ ހުއްޓުވާފައެވެ. މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓް ކުރީ އިންޑިއާގެ ކުޅުންތެރިންނެވެ. މި މުބާރާތުގައި ދެން ރާއްޖެ ނިކުނާންނާނީ 19 ސެޕްޓެމްބަރުގައި ޕާކިސްތާނާއި ދެކޮޅަށެވެ.