ޚަބަރު

އޭޝިއަން ކަޕް ކޮލިފައިންއަށް ގައުމީ ފުޓްސަލް ޓީމު މިޔަންމާއަށް


އޭޝިއަންކަޕް ކޮލިފައިންއަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މިޔަންމާއަށް ފުރައިފިއެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ފުރާފައިވަނީ މިއަދު ހެނދުނެވެ. ޢޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 2026 އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ކުރިޔަށްދާނީ 16-24 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ސްކޮޑްގައި ހިމެނެނީ އަހްމަދު އަޔާޒް، ޝާމިން މުހައްމަދު، އަލީ ޝިޔާހް، އިސްމާއިލް ވަޖީހް، ހުސެއިން ސުހެއިލް، އަހުމަދު ޝަމާލް، ހުޒެއިފަތު ރަޝީދު، އިޝާން އިބްރާހިމް، މުހައްމަދު އިމްރާން، އަލީ ހާފިޒް، އަބްދުالله ޒިމާމް އަދި އަބްދުالله ނާސިހްއެވެ.

ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްސަލް ތަރި އަދި ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އަހްމަދު ނިޔާޒް (ނިޔާ) އެވެ. އެގޮތުން ރާއްޖޭގައި ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 2016 އިން ފެށިގެން ނިޔާޒް ވަނީ ގިނަ ކާމިޔާތަކެއް ހޯދާފައެވެ.

ކޯޗު ނިޔާޒްގެ އިރުޝާދުގެ ދަށުން ގައުމީ ފުޓްސަލް ޓީމުން މިޔަންމާއަށް ފުރުމުގެ ކުރިން ފާއިތު ހަފްތާތަކުގައި ވަނީ ފަރިތަކުރުންތައް ބާއްވާފައެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ވާދަކުރަނީ ކުވެއިތު، އޮސްޓްރޭލިއާ، އިންޑިއާ، މޮންގޯލިއާ، ތައިލޭންޑް، ކޮރެއާ ރިޕަބްލިކް، ބަހްރެއިން، ބުރޫނާއި، ޖަޕާން، މަކާއޯ، ކެމްބޯޑިއާ، އިރާގް، ސައުދީ އަރަބިއްޔާ، ޗައިނީޒް ތައިޕޭ، ޕާކިސްތާން، ވިއެޓްނާމް، އުރުދުުން، ހޮންގކޮންގ، އުޒްބަކިސްތާން، ކިރްގިސްތާން، ޓިމޯ ލެސްޓޭ، ފަލަސްތީން، ކިރްގިސްތާން، ބަނގްލަދޭޝް، ޔޫއޭއީ، މެލޭޝިއާ، އީރާން، އަފްޣާނިސްތާން އަދި މިޔަންމާއެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މިމަހުގެ 20 ވަނަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށެވެ. އެއަށްފަހު 22 ސެޕްޓެމްބަރުގައި ރާއްޖެ ނިކުންނާނީ މިޔަންމާއާއި ދެކޮޅެވެ.

2026 އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ 27 ޖެނުއަރީން ފެށިގެން 7 ފެބުރުއަރީގެ ނިޔަލަށް އިންޑޮނީޝިއާގައެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ އިރާންއެވެ. އިރާނުން ވަނީ 13 ފަހަރު އޭޝިއަންކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.

2026 ވަނަ އަހަރު ބާއްވާ މުބާރާތަކީ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ 18 ވަނަ މުބާރާތެވެ.