ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) ގެ މަސައްކަތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ތައުރީފުކުރައްވައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިންސްޓަރގްރާމްގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދާދި ފަހުން އެފްއޭއެމްގެ ރައީސް އާއި ބައްދަލުކުރައްވާފައިވާ ކަމަށާއި ފުޓްބޯޅައިގެ ތަރައްގީއާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށެވެ.
އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތާއެކު ސަޕޯޓަރުންނާއި ގާތަށް މި ކުޅިވަރު ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެފްއޭއެމްގެ ރައީސް ޠާރިޤް އާއި އައު ހިންގާ ކޮމިޓީން ކުރައްވާ މަސައްކަތަށް ތައުރީފު ކުރައްވާ އިންފަންޓީނޯ ވިދާޅުވީ މިއަހަރުގެ ޖުލައިމަހު ރައީސް ކަމަށް އިންތިހާބުވުމަށްފަހު ޠާރިގް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ކުޅުންތެރިއެއްގެ ގޮތުންނާއި އޭނާގެ ތަޖުރިބާގެ އަލީގައި އެކަމަށް ވަރަށް ފަރުވާ ބަހައްޓައިގެން ކަމަށެވެ.
އަދި ފާއިތުވި 7 އަހަރަށްފަހު ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަކުން ރާއްޖެއިން ތައްޓެއް ހޯދާފައިވާކަން އިންފަންޓީނޯ ފާހަގަކުރެއްވިއެވެ. ނިމިގެންދިޔަ ސައުތު އޭޝިއަން ސުޕަރކަޕަށް އިޝާރާތްކުރައްވާ އިންފަންޓީނޯ ވަނީ ޠާރިޤްގެ ލީޑަރޝިޕްގެ ދަށުން ހޯދިފައިވާ އެ ކާމީޔާބީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ކަމަށާއި މިއަހަރުގެ ފަހުކޮޅަށް އަންހެނުންގެ ފުޓްބޯޅަ މުބާރާތެއް ރާވާފައިވާކަންވެސް އިންފަންޓީނޯ ފާހަގަ ކުރެއްވިއެވެ.
މިކަންކަމުން ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަބަލަށްޓަކައި ފުޓްބޯޅައިގެ މިސްރާބު ބަދަލުކޮށްފައިވާކަން ހާމަވާކަމަށާއި އެކުގައި ގުޅިގެން އަލުން ރާއްޖޭގެ ފުޓްބޯޅަ ބައްޓަން ކުރުމުގެ މަސައްކަތް ކުރެއްވުމުގެ ފޯރި އަލުން އައިސްފައިވާ ކަމަށްވެސް ފީފާގެ ރައީސް ވިދާޅުވިއެވެ.
ފީފާއިން ރާއްޖޭގެ ފުޓްބޯޅަ އިދާރާ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި އެފްއޭއެމްގެ އައު މެނޭޖުމެންޓުން އަންނަނީ ފުރިހަމައަށް އެއްބާރުލުންދެމުންނެވެ.
އަދި ރާއްޖޭގެ ގެއްލިފައިއޮތް ފުޓްބޯޅައިގެ ފޯރި އަލުން ގެނެސް ގައުމީ ޓީމުތަކުގެ ފެންވަރު މަތިކޮށް އަލުން ފުޓްބޯޅަ ނަގާ ރަނގަޅު ހިސާބަކަށް ގެންދިއުމަކީ އައު ރައީސް ޠާރީޤްގެ މުހިންމު ތަސައްވަރެކެވެ. މިގޮތުން އަންހެނުންގެ ފުޓްބޯޅަ އާއި އަތޮޅު ތެރޭގެ ފުޓްބޯޅަ ކުރިއެރުވުމަކީވެސް ވަަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.