ޚަބަރު

ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތް: ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެ


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ސިޓީގެ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެއާއި ސްރީލަންކާއެވެ. ރާއްޖެއިން މި މެޗު ކާމިޔާބުކުރީ 2-1 ސެޓުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ސެޓުން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން، ޕެނަލްޓީ ޝޫޓްއައުޓްގައި ރާއްޖެއިން ވަނީ 7-4 ގެ ސްކޯއަކުން ލަންކާ ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބުކުރީ 28-24 ންނެވެ. ފުރަތަމަ ސެޓުގައި ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މިފަހަރު އަލަށް ޤައުމީ ޓީމުން ޖާގަ ހޯދި ޒުވާން ތަރި ރާއުލް އެވެ. ދެވަނަ ސެޓުގައި ލަންކާއިން ކުޅުން ރަނގަޅުކޮށް ގެންދިޔައީ 34-26 ންނެވެ.

މި މުބާރާތުގައި ރާއްޖެއިން ދެން ނިކުންނާނީ ހުކުރު ދުވަހު ހެނދުނު ސައުތު އެފްރިކާއާއި ދެކޮޅަށެވެ. އެއަށްފަހު ހަމަ އެރޭ ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭން ކުޅޭނެއެވެ. މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ، ސްރީލަންކާ، އިންޑިއާ، ބަނގްލަދޭޝް، ސައުތު އެފްރިކާ އަދި ޕާކިސްތާނެވެ.