ޚަބަރު

ނިމުނު ހަފްތާ: މީޑިއާ ބިލު ތަޞްދީޤުކޮށް، މުހިންމު ނިންމެވުންތަކެއް


  • ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސް ތަސްދީޤުކުރެއްވި

  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ތަޞްދީޤުކުރެއްވި

  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސް އުފެއްދެވި

ނިމުނު ހަފުތާގައިވެސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ގިނަ ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤަތަރަށް ރަސްމީ ދަތުރުފުޅެއް ކުރައްވަފައެވެ. (15 ސެޕްޓެންބަރު) މި ދަތުރުފުޅުގެ ތެރެއިން ބޭއްވި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން، އޯއިސީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަހޫދީން ޤަޠަރަށް ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތަށް ދިން ހަމަލާއެއްކަމަށް ވިދާޅުވެފައެވެ.

ނިމުނު ހަފުތާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި މުހިންމު ބިލުތަކެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވެއެވެ. (16 ސެޕްޓެމްބަރު) އެގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ ނިމުނު އަންގާރަ ދުވަހުއެވެ. (18 ސެޕްޓެމްބަރު) އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސް ތަޞްދީޤުކުރެއްވީވެސް ނިމުނު ހަފުތާގައެވެ. (18 ސެޕްޓެމްބަރު) މި ޤާނޫނާއެކު އުފެދޭ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ސިޔާސީ ދާއިރާ:

(13 ސެޕްޓެމްބަރު) ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ކުރީގެ ރައީސުންނަށްދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކުރައްވާކަން ހާމަކުރެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސުންނަށްދޭ ބައެއް އިނާޔަތްތައް ކުޑަކުރައްވަން ނިންމަވާފައިވާކަން އިޢުލާންކުރައްވާފައި ވަނިކޮށެވެ.

(14 ސެޕްޓެމްބަރު) އަދި އުޞޫލާ ޚިލާފަށް ބޭނުންކުރާތީ ރައީސް އޮފީސް ކައިރީގައި ސަރުކާރުން ޤާއިމުކުރި "މީޑިއާ ފެންޑާ" އުވާލަން ނިންމީވެސް ނިމުނު ހަފުތާގައެވެ. މީޑިއާ ފެންޑާއަކީ ނޫސްވެރިންނަށް ފަސޭހަކަމާއެކު މަޢުލޫމާތު ފޯރުކޮށްދޭން ޤާއިމުކުރި ތަނަކަށްވާއިރު، މިފަހުން ބައެއް ނޫސްވެރިން ވަނީ އިހުތިޖާޖުކުރުމުގެ ބޭނުމުގައި އެތަން ބޭނުންކޮށްފައެވެ.

ނިމުނު ހަފުތާގައި ބައެއް މިނިވަން މުއައްސަސާތަކަށް ރައީސް ވަނީ މެންބަރުން އައްޔަނުކުރައްވާފައެވެ. އެގޮތުން (16 ސެޕްޓެމްބަރު) ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރްސީއެމްގެ ނައިބަކަށް މުޙައްމަދު ޝަފީޤް މަޙްމޫދު ޢައްޔަންކުރައްވާފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު މުޖްތާޒު އަދި ނައިބަކަށް މުޙައްމަދު ނާސިޙް އައްޔަންކުރައްވާފައިވެއެވެ. (16 ސެޕްޓެމްބަރު) އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސީއެސްސީގެ ރައީސްކަމަށް އައްޔަނުކުރި، މުޖްތާޒު އައްޔަންކުރައްވާފައިވެއެވެ.

(17 ސެޕްޓެމްބަރު) ހަމައެއާއެކު އައްޑޫގެ ރަށްރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމަވާފައިވަކަން ރައީސް ހާމަކުރެއްވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. މިކަމަށް އައްޑޫގެ ބައެއް ރަށްރަށުން އެދިފައިވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ. (17 ސެޕްޓެމްބަރު) މީގެ އިތުރުން ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ، މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާ، މ.ހަވީރީފިނި ޢަލީ ފާރިޝް 3 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީވެސް ނިމުނު ހަފުތާގައެވެ.

އެހެނިހެން ދާއިރާތައް:

(14 ސެޕްޓެމްބަރު) އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި މޭވާއާއި ތަރުކާރީގެ ލިސްޓް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާންމުކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި ރައީސްގެ ނިންމެވުމާ އެއްގޮތަށް އެ ތަކެތި ގަޑުކޮށް އެތެރެކޮށް އަގުހެޔޮކޮށް ވިއްކުމަށް އެސްޓީއޯއަށް ވަނީ ވުޒާރާއިން އަންގަވާފައެވެ.

(14 ސެޕްޓެމްބަރު) އައްޑޫ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ގަމުގެ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލީވެސް ނިމުނު ހަފުތާގައެވެ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުންވަނީ 4.3 ކިލޯމީޓަރުގެ މަގުވަނީ ތަރައްޤީކޮށްފައެވެ.

(14 ސެޕްޓެމްބަރު) ހަމައެއާއެކު ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި (15 ސެޕްޓެމްބަރު) ޙާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ރަމަޟާން މަހުގެ 27 ވަނަ ދުވަހު ދެއްވުމަށް ނިންމަވާފައިވާއިރު، މޫނުބުރުގާ އަޅައިގެން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރީވެސް ނިމުނު ހަފުތާގައެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ، އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުހިންމު ޚަބަރުތަކެއް ފާހަގަކޮށްލެވެއެވެ.