މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ޝީޓް ޕައިލްތައް ވަރުގަދަކުރުމަށް ޖަހާ އެންކަރ ބްލޮކްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. މީގެއިތުރުން މަގުފުޅާކުރުމަށް ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.
މާލޭގެ އެންމެ ކާރޫ ބާރޫ ބޮޑު އެއް ސަރަޙައްދުކަމަށްވާ، މާރުކޭޓު ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާ ހަމައަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމާލުމަށް ޚާއްސަ އިސްކަމެއް ސަރުކާރުން ދެއްވައެވެ.
މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން އެމްޓީސީސީން ވިދާޅުވީ، އެއްގަމު ތޮށި ހެދުމަށް ބޭނުންވާ ކޮންކްރީޓް ޕެނަލްތައް މިހާރު ސައިޓަށް ގެންގޮސްފައިވާކަމަށެވެ. އަދި "ސީ ޗެނަލް" އިންސްޓޯލްކުރުމާއި ޝީޓްޕައިލްތައް ވަރުގަދަކުރުމަށް ޖަހާފައިވާ އެންކަރ ބްލޮކްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ.
Precast pannels required for the new quay wall has been delivered to site. C Channel installation and anchor block installation works are 100% completed.
— MTCC Plc (@MTCCPlc) September 18, 2025
Furthermore, reclamation work has reached 90% completion.
A total of 132 meters of sheet pile installation has been… pic.twitter.com/hsVWjntdC6
މިމަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 132 މީޓަރުގެ ސަރަޙައްދުގައި ޝީޓްޕައިލްކުރުމުގެ މަސައްކަތްވަނީ ކޮށްފައެވެ. އަދި ފުރަތަމަ ފިޔަވަހީގައި މަގުފުޅާކުރުމަށް ހިއްކަންޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ހެންވޭރު ފެރީ ޓަރމިނަލްއިން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.
އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ބަންދުކޮށްގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.