ތަޢުލީމު

ދަސްވާރު ޕްރޮގްރާމްގެ ތެރެއަށް ވޯޓަރ ސްޕޯޓްސް ތަޢާރަފްކޮށްފި


އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމްދެއްވުމުގެ ސިޔާސަތުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ ދަރިވަރުންނަށް އިތުރު ފަހި ފުރުޞަތުތައް ތަނަވަސް ކުރެއްވުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ހިންގަވަމުންނެވެ. މީގެތެރެއިން އެއް ޕްރޮގްރާމަކީ ދަސްވާރު ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ބައެއް ދަރިވަރުން މޫދުކުޅިވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ ދަސްވާރު ޕްރޮގްރާމްގެ ތެރެއަށް މިހާރު ވަނީ ވޯޓަރ ސްޕޯޓްސް ތަޢާރަފްކުރައްވާފައެވެ. 

މި ކުދިންނަށް ވޯޓަރ ސްޕޯޓްސް ޙަރަކާތްތައް ހިންގެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިލާ ކޮލެޖާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ. ޑރ. ޢާއިޝަތު ޝިހާމާއި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙަމަދު އަންވަރުއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލް ދަރިވަރުން އެކުދިން ބޭނުންވާ ދާއިރާއަކުން ފުރުޞަތުތައް ހޯއްވައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"2014 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެން ސްކޫލްތަކުގެ ކުދިންނަށް ސްކޫލްގައި އުޅެމުން މަސައްކަތުގެ ދާއިރާއަށް ދިއުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި. އެގޮތުން މިއަހަރުވެސް ގާތްގަނޑަކަށް ފަނަރަ ސަތޭކައެއްހާ ކުދިން އަޅުގަނޑުމެންގެ ދަސްވާރު ޕްރޮގްރާމްގައި ކިޔަވަމުން އެބަގެންދޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސްކޫލްތަކުގައި ތިބި ހުރިހާ ކުދިންނަށްވެސް އެކުދިން ބޭނުންވާ ދާއިރާއަކުން އެކުދިން ކުރާ ހިތްވާކަހަލަ މަސައްކަތްތަކަށް ފުރުޞަތު ތަކެއް ހޯދޭތޯ". މިނިސްޓަރ ޝިހާމް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14712737436591.jpg|އެޑިއުކޭޝަން މިނިސްޓްރީއާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާކޮލެޖްގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވިދާޅުވީ، ދަސްވާރު ޕްރޮގްރާމްގެ ތެރެއިން އެ ކުދިންނަށް މި ލިބުނީ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށާއި މި ޕްރޮގްރާމް ނިމުމަށްފަހު އެ ކުދިން ތިބޭނީ ވަޒީފާގެ ބާޒާރަށް ފައްކާވެފައިކަމަށެވެ.

" މިއީ ހަމަ ވަރަށް އާދަޔާ ޚިލާފު ރަނގަޅު ފުރުޞަތެއް. މިހާ ހިސާބަށް އައީމަ އަޅުގަނޑުމެންނަށް އިނގޭނީ ވޯޓަރ ސްޕޯޓްސް ވާހަކަ. އެހެންވީމާ މިކަމުގައި އަޅުގަނޑަށް ހީވަނީ ދަރިވަރުންނަށް ވަރަށް އެކަށީގެންވާ ކުރިއެރުންތަކެއް ލިބޭނެހެން. އެކަމަކު ދަރިވަރުންގެ މަސައްކަތް މީގަ ވަރަށް މުހިންމު ވާނެ. ދަރިވަރުން ކުރާ މަސައްކަތަކުން ދެއްތޯ އެކުދިންގެ ކޮމިޓްމަންޓް މިއަށް އޮންނަ ވަރަކުން ހަޤީޤަތުގައި އެންމެ ފުރިހަމަ ފައިދާ ވެގެންދާނީ. އެހެންވީމާ އަޅުގަނޑު އުންމީދު ކުރަން ދަރިވަރުންގެ ފަރާތުންވެސް އެތަން ފެންނާނެކަމަށް". ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙުމަދު ޢަންވަރު ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14712737912730.jpg|އެޑިއުކޭޝަން މިނިސްޓްރީއާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މި ކޯހުގައި 30 ދަރިވަރުން ބައިވެރިވެއެވެ. ތިން މަސްދުވަހުގެ މުއްދަތައް ހިންގެވުމަށް ހަމަޖެހިފައިވާ މި ކޯސް ހިންގެވުމަށް ހަމަޖެހިފައިވަނީ ސަން އައިލެންޑްގައި ހުންނަ ވިލާ ކޮލޮޖްގެ ކެމްޕަހުގައެވެ. މި ކޯސް ރާވާފައިވަނީ ފުރަތަމަ ދެ މަސްދުވަހު ކެމްޕަހުގައި ތަމްރީން ހެދުމަށްފަހު އެއްމަސްދުވަހު އަމަލީ ގޮތުން މަސައްކަތުގެ މާހައުލުގައި ޙަރަކާތްތެރިވާ ގޮތަށެވެ. މިކޯސް ފުރިހަމަ ކުރުމުން އިންޓަރނޭޝެނަލް ސެޓްފިކެޓެއް ލިބިގެންދާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް 10ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒް ކުރައްވައިގެން 2014 ވަނަ އަހަރުން ފެށިގެން ޓިވެޓް އޮތޯރިޓީއާ ގުޅިވަޑައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މިއަހަރު މުޅި ރާއްޖެއިން 168 ސްކޫލަކުން 1480 ދަރިވަރުން މި ޕްރޮގްރާމް ފުރިހަމަ ކުރަމުން ގެންދަވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.