ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީއަށް


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 ސެޓުން ދިވެހިރާއްޖެ ބަލިކޮށް، ސެމީ ފައިނަލް ޖާގައެއް ޕާކިސްތާނުން ކަށަވަރުކޮށްފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މި މުބާރާތުގައި މިރޭ ކުޅުނު މެޗުން ޕާކިސްތާން މޮޅުވީ ރާއްޖެ އަތުން 2-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 16-15 އިން ރާއްޖެއިން ގެންދިޔަ ނަމަވެސް، ޕާކިސްތާނުން ވަނީ ދެވަނަ ސެޓު 22-10 އިން ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓް ޕާކިސްތާނުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 6-7 ގެ ނަތީޖާއަކުންނެވެ.

މިއީ މި މުބާރާތުގައި ރާއްޖެ ބަލިވި ފުރަތަމަ މެޗެވެ. އެގޮތުން މީގެ ކުރިން ކުޅުނު ދެ މެޗުން ރާއްޖެ މޮޅުވިއިރު، ފުރަތަމަ މެޗުގައި ވަނީ ސްރީ ލަންކާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ރާއްޖެ ވަނީ ސީދާ ދެ ސެޓުން ދެކުނު އެފްރިކާ ބަލިކޮށްފައެވެ.

ރާއްޖެ ބަލިކޮށް ޕާކިސްތާނުން ސެމީގެ ޖާގައެއް ކަށަވަރުކުރިއިރު، އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި ޕާކިސްތާން އޮތީ ހަ ޕޮއިންޓާއެކުއެވެ. އަދި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ރާއްޖެ މި ވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން އަންނަނީ ވަގުތުން ގެނެސްދެމުންނެވެ.