ޚަބަރު

ކެޔޮދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއަށް


  • މަޝްރޫޢުގެ އަގަކީ 29.89 މިލިޔަން ރުފިޔާ

  • މަޝްރޫޢުގެ މުއްދަތަކީ 720 ދުވަސް

ކެޔޮދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ކެޔޮދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

917 މީހުންގެ އާބާދީއެއް އޮންނަ ކެޔޮދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. ކެޔޮދޫ ސިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް ފުރިހަމަވުމާއެކު، މި ރަށުން ލިބިގެންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން، އައު އިމާރާތް ތަރައްޤީކުރަނީ 17,180 އަކަފޫޓުގެ ސަރަޙައްދެއްގައެވެ. މީގެއިތުރުން ، ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި ، ޓައިލްސް ޖެހުމާއި ، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއ،ި ދަގަނޑު މަސައްކަތްތަކާއ،ި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއ،ި މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއ،ި އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 29.89 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު މަރުހަލާއެއްގައެވެ. މިކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.