ޚަބަރު

ބަނދަރު މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން ބިލެތްދޫ ބިން ހިއްކައިދޭނަން: ރައީސް


  • ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންގެ އެދޭ ގޮތަށްކަމަށް ވިދާޅުވި

  • އިތުރު މަޝްރޫޢުތަައްވެސް ކުރިއަށްގެންދިއުމަށް ވިސްނަވާނެކަމަށް ވިދާޅުވި

ފ. ބިލެތްދޫގައި ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުގެ ތެރޭގައި ހިމަނައިގެން އެ ރަށު ބިން ހިއްކައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފ. ބިލެތްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ފ. ބިލެތްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަށުގައި އަލަށް ފެށި މަޝްރޫޢުތައް ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާ ގުޅިގެން ވަރަށް ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިލެތްދޫގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށެވެ. އެގޮތުން ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންގެ އެދޭ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ބައެއްގެ ގޮތުގައި ހިމަނުއްވައިގެން ބިން ބޮޑުކުރުމަށްޓަކައި ހިއްކެން އޮތް އެންމެ ބޮޑަކަށް ފަޅު ހިއްކައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ރަށަށް ބިން އިތުރުކުރެވޭނެ ވަރަކަށް އިތުރު ކޮށްދޭނަން. އެމްޓީސީސީން މި މަސައްކަތް ނިންމާފައި ރަށުން ފައިބައިގެން ދާނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ބިލެތްދޫގައި އިތުރު މަޝްރޫޢުތަައް ކުރިއަށްގެންދިއުމަށް ވިސްނަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެ ގޮތުން އޭޓީއެމްގެ ޚިދުމަތާއެކު އެތައް ޚަރަދެއްކޮށްފައި ރަށުން ބޭރަށް ގޮސް، ޚިދުމަތް ހޯދުން ނިމުމަކަށް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ބިލެތްދުއަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުލުހުންގެ މަރުކަޒުގެ އައު އިމާރާތާއި ޞިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި ބަނދަރު އަޕްގްރޭޑްކުރުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ އިތުރުން، އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފައްޓަވާފައެވެ.