ކުޅިވަރު

ބަލޮންޑޯ އެވޯޑް ދޭނީ ރޮނާލްޑީނިއޯ


ހޯމަ ދުވަހުގެރޭ ބާއްވާ މި އަހަރުގެ ބަލޮންޑޯ އެވޯޑު ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެވޯޑް ދޭނީ ބްރެޒިލްގެ ރޮނާލްޑީނިއޯ ކަމުގައި ހަމަޖައްސައިފިއެވެ.

އޭނާ އަކީ ދެ ފަހަރު މި އެވޯޑް ހާސިލްކޮށްފައިވާ ދުނިޔޭގެ ކުރީގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ރޮނާލްޑީނިއޯ އަކީ މި ފަހަރުގެ އެވޯޑް ހަވާލު ހަވާލުކޮށްދޭނެ ފަރާތްކަމުގައި ހަމަޖެއްސުމުން އެވޯޑް ލިބޭނީ ބާސެލޯނާގެ ކުޅުންތެރިއަކަށް ކަމަށް ވަނީ ބެލެވިފަ އެވެ. ސަބަބަކީ އޭނާ އަކީ ބާސެލޯނާގެ ލެޖެންޑަކަށްވެފައި އެ ކުލަބުގައި ހުރެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވުމެވެ. އަނެއްކޮޅުން އޭނާ އަކީ ޕީއެސްޖީ އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މި ފަހަރުގެ އެވޯޑަށް އެންމެ ބޮޑަށް ވާދަކުރަނީ ބާސެލޯނާގެ ދެ ކުޅުންތެރިންނާއި ކުރިން ބާސެލޯނާ އަށް ކުޅުނު ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގެ ފްރާންސް ފޯވަޑް އޮސްމާނޭ ޑެމްބެލޭ އެވެ. ބާސެލޯނާއިން މި އެވޯޑަށް ވާދަކުރަނީ ސްޕޭނުގެ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު އުމުރުން 19 އަހަރުގެ ލަމީން ޔަމާލް އާއި އެ ޓީމުގެ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ.

މީގެ ތެރެއިން ގިނަ ބައެއްގެ ނަޒަރުގައި މި އެވޯޑް ހާސިލް ކުރުން ގާތީ ލަމީން ޔަމާލެވެ. ނަމަވެސް ޓީމުގެ ކާމިޔާބީ އަސް ބަލާއިރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވަނީ ޑެމްބެލޭ އެވެ. އޭނާގެ މޮޅު ކުޅުމާއެކު ޕީއެސްޖީ ވަނީ ފްރާންސް ލީގާއި ފްރެންޗް ކަޕް އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅުނެވެ.

ބާސެލޯނާ އަށް ލިބުނީ ސްޕެނިޝް ކަޕާއި ސްޕެނިޝް ސުޕަކަޕް އަދި ސްޕެނިޝް ލީގެވެ. ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުންނެވެ.