ފ. ނިލަންދޫގައި މާލަސްތަކެއް ނުވެ ހޭންޑްބޯޅަ ކޯޓެއް އެޅުމަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮންމެ މަޝްރޫއަކީވެސް އެ މަޝްރޫއު ހަވާލުކުރެވޭ ކޮންމެ ކުންފުންޏަކުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެ މަޝްރޫއުތަކެއް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓްގައި މުޅި ރާއްޖޭގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހިމަނާ، ބިޔަ މަޝްރޫއެއް ކުރިޔަށް ގެންދަވާނެ ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ނިލަންދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަޝްރޫއަކީ ކުރިޔަށް ގެންދެވުމަށް ވިސްނަވާފައިވާ ކަމެއްކަމަށާއި މާލަސްތަކެއް ނުވެ އެތަން ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ ކުޅިވަރުގެ މަޝްރޫއުތައް ހުރިހާ ސަރަހައްދެއްގައި ހިންގަވާ ހުރިހާ ސަރަހައަދެއްގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗަރތައް ގާއިމުކޮށް ކުޅިވަރު ލާމަރުކަޒު ކުރުމަށެވެ.
އަދި ކޮންމެ ރަށެއްގެ ރައްޔިތުންނަށް ދުޅަހެޔޮކަންމަތީ ތިބުމަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް އެރަށެއްގެ ރައްޔިތުން އެދޭގޮތަށް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.
ނިލަންދޫގެ އިތުރުން ފ.އަތޮޅުގެ އެހެނިހެން ރަށްރަށުގައިވެސް ކުޅިވަރުގެ އެކި އެކި ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްފައެވެ.
އެގޮތުން ކުރިޔަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.