އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަނުގެ ހައި މަތީ ފަންތީގެ ހަފްތާގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލާއި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަންނަވައިފިއެވެ.
ވަޒީރުގެންގެ މިދަތުރުފުޅުގައި މަތީ ފަންތީގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި އަހަރުގެ މަތީފަންތީގެ ހަފްތާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 22 އިން 30 އަށެވެ. އަދި އާންމު ބަހުޘް އޮންނާނީ 23 ސެޕްޓެމްބަރ އިން 29 ސެޕްޓެމްބަރަށެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަހަރު ކުރިއަށް ގެންދާ އާންމު މަޖިލީހުގެ 80 ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ދެ ވަޒީރުން ފުރާވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ. މިދަތުރުފުޅުގެ ތެރެއިން މަތީ ފަންތީގެ ބައްދަލުވުންތަކުގައި ޚަރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އަދި ފަތުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެން ރާއްޖެ ތަމްސީލް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅާއި ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ، އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ދާއިރު، މިއީ އދ. މެންބަރު ޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަތާ 60 އަހަރު ފުރޭ އަހަރު ކަމަށެވެ. ވަޒީރު މިއަހަރުގެ ސެޝަނަކީ ކާމިޔާބު ސެޝަނަކަށްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުން އިތުރުކޮށް އެ މަގަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަހަރު ކުރިއަށްދާ އާންމު މަޖިލިޙުގެ ސެޝަންގެ ބަހުސްގައި ޚާރިޖީ ވަޒީރު ޑރ.ޚަލީލް ތަޤްރީރު ކުރައްވާނެއެވެ. މީގެ އިތުރުން ހައި-ލެވަލް ހަފްތާގެ ހަވާސާގައި ދިވެހިރާއްޖެއިން ދެ ހަރަކާތެއް ކުރިއަށްގެންދާނެއެވެ. އޭގެ ތެރެއިން އެއް ހަރަކާތަކީ އެސްޓޯނިއާ އާއި ގުޅިގެން ކުރިއަށްގެންދާ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ފޮރ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. މީގެ އިތުރުން "ޑެކޭޑްސް އޮފް ޕެރިސް އެގްރީމަންޓް: މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕްސް ފޮރ ރެޒިލިއަންސް" ގެ ނަމުގައި ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެންވެސް ހަރަކާތެއް ކުރިއަށްގެންދާނެއެވެ.
ޚަރިޖީ ވުޒާރާއިން ވަނީ މި ބައްދަލުވުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އ.ދ.ގެ މެމްބަރު ޤައުމުތަކާއި އދ.އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ވިދާޅުވެފައެވެ. އަދި ޤަވާއިދުން ބައްދަލުނުވެވޭ އ.ދ.ގެ މެންބަރު ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ފުރުޞަތު ލިބޭކަން އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
މިއަހަރު ބާއްވާ އދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ދިވެހިރާއްޖެއިންވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުން ހޮވާ 5 ނައިބު ރައީސުންގެ ތެރެއިން އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.