ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މ. މުލަކު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ.
މި ރަސްމީއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަރިހުގައި މުލަކު ދައިރާގެ މެންބަރު އިބްރާހިމް ނައުފަލް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމު އަދި މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.
މުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިމަޝްރޫޢުއަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއްކަން ފާހަގަކުރައްވާފައެވެ. އަދި މިމަސައްކަތުގެ ސަބަބުން މިސަރަހައްދުގެ ރައްޔިތުންނަށް ސިއްޙީ ހިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށާއި އަދި މަސައްކަތް ނުހުއްޓި ބާރަށް ކުރިއަށްދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ 24.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރު އޯގަސްޓްމަހު ކުރީ ކޮޅަށެވެ.
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސިއްޙީ ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކުރަން މުހިއްމުކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސިއްޙީ މަރުކަޒުތައް ތަރައްޤީވެ ސަރަހައްދީ ފެންވަރުގެ އިތުރު ހޮސްޕިޓަލުތައް ތަރައްޤީވެގެންދިޔުމަކީ މުޅި ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.