ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މުލަކައަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ.
ދިއްގަރައި ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޙާބުގެ ތެރޭގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދެކެވެ. އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢުގެ ދަށުން 30 އެންދުގެ ހޮސްޕިޓަލެއް ދިއްގަރުގައި ތަރައްޤީކުރާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢުގެ ސަބަބުން ރަށުގެ ސިއްޙީ ނިޒާމު ވަރުގަދަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"30 އެނދުގެ ހޮސްޕިޓަލެއް މިއީ. ހޮސްޕިޓަލުގެ ހުރިހާ ކަމެއް ފުރިހަމަވެގެންދާ ގޮތަށް، މިރަށުގެ ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު ވަރުގަދަވެގެންދާނެ. އިރާދަކުރެއްވިއްޔާ ވަރަށް އިސްކަން ދީގެން، ސަރުކާރުގެ އިދާރާތަކުން އިސްކަންދީގެން ވަރަށް އަވަހަށް މަސައްކަތް ކުރިއަށްދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިއްގަރުގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 105.1 މިލިޔަން ރުފިޔާއަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މިއަހަރާއި އަންނަ އަހަރުގެ ބަޖެޓާއެކު އަތޮޅުތެރޭގެ ސިއްހީ ނިޒާމުގެ ހަލުވިގެންދާނެ ކަމަށާއި، އަދި މުހިންމު ފަރުވާތައް ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.