ޚަބަރު

މަޑުއްވަރީ ބަނދަރުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނަން: ރައީސް


  • ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުން ވަނީ ބާއްވާފައި

  • ހުރިހާ ސަރުކާރުތަކުގައި ބަނދަރުގެ މައްސަލަ ޙައްލުކޮށްދޭން އެދުނު

  • ރައީސް ވިދާޅުވީ ޖެނުއަރީމަހު މަސައްކަތް ފައްޓަވާނޭކަމަށް

މ.މަޑުއްވަރީ ބަނދަރުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މ.މަޑުއްވަރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރަށުގެ ބަނދަރުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ، އެކަމަށް ސަރުކާރުން ޙައްލު ގެނެސްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ބަނދަރުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ދާއިމީ ޙައްލެއް އެމައްސަލައަށް ގެނެސްދެއްވާނެކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ބަނދަރުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައިދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިރަށުގެ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުއަކަށްވާނީ، އާ ނިވާ ބަނދަރެއް މިރަށަށް ލިބިގެންދިއުން. ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ، އެންމެ ބޮޑު ޢުމްރާނީ މަސައްކަތަށް މި މަސައްކަތްކަތްވެގެންދާނީ، އަންނަ އަހަރުގެ ބަޖެޓުގަ ހިމަނާ، ޖެނުއަރީ މަހު ޢަމަލީ މަސައްކަތް ފަށާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ ރަށުގައި ހުއްޓިފައި އޮތް ކުޅިވަރު ވަސީލަތްތައްތަކުގެ މަސައްކަތް އަލުން ފަށާ އަވަހަށް ނިންމަވައިދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ރަށުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ފުޓުބޯޅަ ދަނޑު ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހުއްޓިފައިވާ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު އާޒިމްގެ ވާހަކަފުޅުގައި ވަނީ، ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ރައީސްއާ ޙިއްސާކުރައްވާފައެވެ. އާޒިމް ވިދާޅުވީ މި މަސައްކަތަކީ ވޭތުވެދިޔަ ހުރިހާ ވެރިކަމެއްގައި މަޑުވައްރީގެ ރައްޔިތުން އެދެމުންދިޔަ ކަމެއްކަމަށާ، ނަމަވެސް މިހާތަނަށް އެއްވެސް ޙައްލެއް ގެނެވިފައިނުވާ މަސައްކަތެއްކަން ފާހަގަކޮށްފައެވެ.

ރަށުގައި އިޤްތިޞާދީ ކަންކަމަށް މަގުފަހިކުރުމަށް، ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލް ރައީސް އެދިވަޑައިގެންނެވިއެވެ. މަޑުއްވަރީއަކީ 10 ހެކްޓަރުގެ ކުޑަ ރަށަކަށްވުމާއެކު، އިޤްތިޞާދީ އިތުރު މަސައްކަތްތަކަށް ފަހިކޮށްދިނުމަށް ބިން ބޮޑުކޮށްދެއްވުމަށްވެސް ކައުންސިލް ރައީސް އެދިވަޑައިގެންނެވިއެވެ.

މ.މަޑުއްވަރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުން ވަނީ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި ސްކޫލް އޭސީ ޕްރޮޖެކްޓް އަވަސްކޮށްދިނުމާއި އަދިވެސް ރަށަށް ބޭނުންވާ އިޖުތިމާއީ ކަންކަން އަވަސްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ވުޒާރާތަކާ ކުންފުނިތަކުން ވަނީ މަޑުއްވަރީގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ އަދާހަމަ ބަލާ، އަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.