ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ބަންގްލަދޭޝް ބަލިކޮށް ލޯ މެޑެލް ރާއްޖެއަށް


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ލޯ މެޑެލް ރާއްޖެއިން ހޯދައިފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދަނީ ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މި މުބާރާތުގެ ލޯ މެޑެލް ރާއްޖެއިން ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން 2-1 ސެޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ކާމިޔާބުކުރީ ބަންގްލަދޭޝްއިންނެވެ. އެކަމަކު ރާއްޖެއިން ވަނީ ދެވަނަ ސެޓު 22-12 އިން ގެންގޮސްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު ޕެނަލްޓީ ޝޫޓްއައުޓް ރާއްޖެއިން ކާމިޔާބުކުރީ 7-4 އިންނެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ ޕާކިސްތާނާއި ސްރީ ލަންކާއެވެ. މުބާރާތުގެ ރޭންކިން މެޗު މިއަދު ހަވީރު ކުޅުނުއިރު، ދެކުނު އެފްރިކާ ބަލިކޮށް ފަސްވަނަ ހޯދާފައިވަނީ އިންޑިއާއިންނެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.