ޚަބަރު

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި މިޔަންމާ އަތުން ރާއްޖެ ބަލިވެއްޖެ


އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމު މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުން 7-3 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ރާއްޖެ ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު، ގައުމީ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކި އެއްވެސް ވަރަކަށް އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތު ނުލިބި ކޮލިފައިން މެޗުތަކަށް ނިކުންނަށް ޖެހުމެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ފުރަތަމަ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އަދި މިޔަންމާގެ ގޯލަށް ހަމަލާތައް އުފައްދާ ތިން ލަނޑު ކާމިޔާބުކުރިއިރު ފުރަތަމަ ލަނޑު ޖަހާދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މިއީ ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާންގެ އެސިސްޓަކުން ދެވަނަ ހާފްގެ ކުރީކޮޅު އިޝާން ކާމިޔާބުކޮށްދިން ލަނޑެކެވެ. ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް ދިން ޕާހަކުން އަލީ ޝިޔާހެވެ. އަދި ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުޒެއިފަތު ރަޝީދު (ހުޒޭ) އެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފުރަތަމަ ނިކުތީ އަފްޣާނިސްތާނާއި ދެކޮޅަށެވެ. އަފްޣާނިސްތާނުން ވަނީ 10-1 ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ.

ރާއްޖޭގެ ގައުމީ ޓީމުން މި ދެމެޗަށްވެސް ނިކުތީ މިއީ ވަރުގަދަ ޓީމުތަކެއްކަން ދަނެގެންކަމަށް ޓީމުގެ ކުޅުންތެރިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފުރަތަމަ މެޗުގެ ތަޖުރިބާއިން ދެވަނަ މެޗުގައި ކުޅުން ރަނގަޅުކޮށް މިޔަންމާއާއި ދެކޮޅަށް ރާއްޖެއިން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.