ޚަބަރު

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައި، އެކަމަށް ޔަހޫދީންގެ ވެރިން ޖަވާބުދާރީކުރުވަންޖެހޭ


  • ޔަހޫދީން އިންސާފުގެ މަގަށް ގެނެސް، ބައިނަލްއަޤުވާމީ ޤާނޫނުތައް ނަގަހައްޓަންޖެހޭކަމަށް ވިދާޅުވި

  • ޑިޕްލޮމަސީގެ ތެރެއިން ފަލަސްޠީނުގެ މައްސަލައަށް ހައްލު ހޯދަންޖެހޭކަމަށް ވިދާޅުވި

ފަލަސްޠީނުގެ މުސްލިމުންނާމެދު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައި، އެކަމަށް ޔަހޫދީންގެ ވެރިން ޖަވާބުދާރީކުރުވަންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ނިއުޔޯކްގައި ބޭއްވި މަތީ ފަންތީގެ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާނީ ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައިކަމަށެވެ. އަދި އދ.ގައި ކުރިއަށްދިޔަ ކޮންފަރެންސްގައި ޤައުމުތަކުން ވަނީ ސާފު މެސެޖެއް ދީފައިކަމަށާއި، އެއީ ފަލަސްޠީނު ރައްޔިތުންނަށް އިންސާފާއި އަމާންކަން ޤާއިމްކޮށްދީ، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުންކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާއި ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތަކަށް ޔަހޫދީންނާއި އެ މީހުންގެ ވެރިން ޖަވާބުދާރީކުރުވަންޖެހޭކަން ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ޤަބޫލުކުރާކަން މި ކޮންފަރެންސުން ހާމަވެގެންދިޔަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން އދ.ގެ ބޭއްވި މަތީ ފަންތީގެ ކޮންފަރެސް އޮތީ ހޯމަ ދުވަހުއެވެ. މި ބައްދަލުވުމުގެ ކޯ-ޗެއަރއަކީ ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތެވެ.

2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށްވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ.