ޚަބަރު

ގްރީން ސްޓްރީޓްސް ބަލިކޮށް ވިކްޓަރީން ފުރަތަމަ މޮޅު ހޯދައިފި


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން ވިކްޓަރީ ސްޕޯޓްސް ކުލަބުން ހަނި މޮޅެއް ހޯދައިފިއެވެ. ގްރީން ސްޓްރީޓްސްގެ މައްޗަށް ވިކްޓަރީން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗަށް ނުކުތްއިރު ދެ ޓީމުންވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. އެގޮތުން ވިކްޓަރީ ބަލިވީ ބުރު ސްޕޯޓްސް ކުލަބު އަތުންނެވެ. އަދި ގްރީން ސްޓްރީޓްސް ބަލިވީ ކުލަބު ވެލެންސިއާ އަތުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، ވިކްޓަރީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައި ވަނީ މަދު ހަމަލާތަކެކެވެ.

ވިކްޓަރީން މެޗުގައި އެޓޭކުތަކެއް އުފައްދަން މަސައްކަތްކޮށް ލިބުނު މަދު ފުރުސަތުތަކުގައި ވަނީ ގްރީން ސްޓްރީޓްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އާއި 15 ވަނަ މިނެޓުގައި ވިކްޓަރީގެ ނަޝާހު އަޙްމަދު ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށް ވެގެންދިޔައީ ގްރީން ސްޓްރީޓްސްގެ ކީޕަރު އަޙްމަދު ރަމީޒެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ވިކްޓަރީގެ އަބްދުﷲ މިދުހަތު ފަހުމީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެ ޓީމުގެ ފަރާތުން ފޫހި ލަސްކުޅުމެއް ފެނިގެންދިޔަ މެޗުގައި ގްރީން ސްޓްރީޓްސްއިންވެސް އެޓޭކު ކުރެވޭތޯ ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ރާހިފް ފަޒީލް ފޮނުވާލި ބޯޅަ މަތަކުރީ ވިކްޓަރީ ކީޕަރެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ މިސްރު ފޯވާޑް އޮބައިދާ ކަދުމް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ވިކްޓަރީން ލަނޑުޖެހީ މެޗުގެ އިތުރު ވަގުތު ތެރޭގައި ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދާލައިގެންނެވެ. އޭރިއާ ބޭރުން މިދުހަތު ފޮނުވާލި ހިތްގައިމު ހިލޭޖެހުން ގޯލަށް ވަންއިރު، ކީޕަރަށް ހުރެވުނީ ހަރަކާތް ހުއްޓިފައެވެ.

މިއީ ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އެބުރި އައިފަހުން އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އަންނަ ހަފުތާގައި ވިކްޓަރީ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.