އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތާއި އދއާއެކު އދން ތާއީދުކުރާ ޣައްޒާއާ ގުޅޭ ޞުލްޙައިގެ ރޭވުމެއް އެކުލަވައިލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ.
އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ވީޑިޔޯ މެދުވެރިކޮށް ތަޤުރީރު ކުރައްވަމުން ޢައްބާސް ވިދާޅުވީ ޣައްޒާގައި ވެރިކަންކުރަމުންދާ ޙަމާސް ޖަމާޢަތުން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީންނަށް އަމާޒުކޮށް ދިން ޙަމަލާއާއި އަސީރުން ގެންދިޔުމާމެދު، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ޕަލެސްޓައިން އޮތޯރިޓީ، ޕީއޭއާ ޚިޔާލު ތަފާތު ކަމަށެވެ. އެ ފަދަ ޢަމަލުތައް ކުށްވެރި ކުރައްވައި ކަމަށް ވެސް ޢައްބާސް ވިދާޅުވިއެވެ.
ޢައްބާސް އިތުރަށް ވިދާޅުވީ ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދެމުންދާ ޣައްޒާއަކީ ފަލަސްޠީނުގެ މުހިންމު ބައެއް ކަމަށެވެ. ޣައްޒާގެ ހިންގުމާއި ސަލާމަތީ ކަންކަމާ ޙަވާލުވެ ޒިންމާ ނެގުމަށް ޕީއޭއިން ތައްޔާރަށް ތިބި ކަމަށާއި ޙަމާސްގެ ބައިވެރިވުމެއް ނެތި އެ ސަހަރު ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޙަމާސްއާއި އެހެނިހެން ފެކްޝަންތަކުގެ ހަތިޔާރު ޕީއޭއަށް ޙަވާލުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
193 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އދން ވަނީ ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ކުރިއެރުވުމަށް ހަތް ޞަފްޙާގެ ޤަރާރަކަށް މީގެ ކުރިން ތާއީދުކޮށްފައެވެ. އެ ޤަރާރު ތައްޔާރުކޮށްފައި ވަނީ ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތާ ދެ ޤައުމުން އިސްވެ ބޭއްވި އދގެ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެމެރިކާއާއި ޔަހޫދީ ދައުލަތުން އެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެއެވެ.
އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވީ 21 ނުކުތާގެ މައްޗަށް އެކުލެވިގެންވާ މެދުއިރުމައްޗާއި ޣައްޒާއާ ގުޅޭ ޞުލްޙައިގެ ރޭވުމެއް، މުސްލިމް އާބާދީ ބޮޑު ޤައުމުތަކަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ ރޭވުން ހުށަހަޅުއްވާފައި ވަނީ އދގެ އާންމު މަޖިލީހުގެ ހަވާސާގައެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ޙަމާސުން ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ޙާލަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.