ކުޅިވަރު

އޭޝިޔާ ކަޕްގެ ފައިނަލަށް ޕާކިސްތާނާއި އިންޑިޔާ


އޭޝިޔާ ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލަށް އިންޑިޔާ އާއި ޕާކިސްތާން ހިނގައްޖެ އެވެ.

ޑުބާއީގައި އަށް ގައުމު ވާދަކުރި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. ފައިނަލް މެޗު ވެގެންދާނީ އިންޑިޔާ އާއި ޕާކިސްތާން މި މުބާރާތުގައި ކުޅޭނެ ތިން ވަނަ މެޗަށެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުންނާއި ސުޕަ ފޯގައި ކުޅުނު މެޗު ވެސް ކާމިޔާބު ކުރީ އިންޑިޔާ އެވެ. މި ދެ މެޗުގައި ވެސް އެންމެ ބޮޑަށް ފާހަގަވީ މެޗު ފެށުމުގެ ކުރިން އިންޑިޔާ ކުޅުންތެރިން ޕާކިސްތާން ކުޅުންތެރިންނާ ސަލާމް ކުރަން ދެކޮޅު ހެދުމެވެ. އެއީ ދެ ގައުމުގެ ސިޔާސީ ވާދަ ވެރިކަމުގެ ސަބަބުންނެވެ.

އިންޑިޔާ ފައިނަލަށް ދަތުރު ކުރީ ޕާކިސްތާނާއި ބަނގްލަދޭޝް ބަލިކޮށް ސުޕަ ފޯ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ބާކީ ސްރީލަންކާ މެޗު ވެސް އެބައޮތެވެ. ޕާކިސްތާން ފައިނަލަށް ދަތުރު ކުރީ ބަނގްލަދޭޝްއާ ބައްދަލުކޮށް ރޭ 11 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ކުޅެން ނުކުމެ ޕާކިސްތާނަށް 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 135 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި ހާރިސް ރައޫފް އެވެ.

ސައިމް އަޔޫމް ނުބައިވީ އެންމެ ލަނޑެއް ވެސް ނުހެދި އެވެ. މިއީ މި މުބާރާތުގައި އޭނާ އަށް މި ފަދަ ގޮތަކަށް ދިމާވި ދެ ވަނަ މެޗެވެ. އިންޑިޔާ މެޗުގައި ވެސް އޭނާ ނުބައިވީ ލަނޑެއް ނުހެދި އެވެ.
އެކަމަކު ޕާކިސްތާނުގެ އުކުމުގައި އޭނާ ދެ ވިކެޓް ނަގައިދިނެވެ. މި މުބާރާތުގައި އޭނާ ބެޓް ކުރުމާއި އުކުމާއި ދެ ކަންތަކަށް ސަމާލުކަން ދީފިނަމަ އެއްކަމެއް ވެސް ރަނގަޅަށް ނުކުރެވިދާނެ ކަމަށް ކުރިން ވެސް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ.

ބަނގްލަދޭޝް ކުޅެން ނުކުމެ 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 124 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 30 ލަނޑު ހެދި ޝަމީމް ހުސައިން އެވެ.