ބާސެލޯނާ އާއި ސްޕޭނުގެ ލެޖެންޑަރީ މިޑްފީލްޑަރު އަދި އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.
އޭނާ މިކަން އިއުލާނު ކުރީ އިންސްޓަގްރާމަށް ދޫކޮށްލި ވީޑިއޯއަކުންނެވެ.
"އަހަރެންނަށް ގަބޫލ ކުރެވެނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހުރުން މިހާރު ނިމުމަކަށް ގެންނަން ވެއްޖެކަމަށް. ގާތްގަނޑަކަށް 20 އަހަރެންނަށް ބޯޅަ ކުޅެވިއްޖެ. މި މުއްދަތުގައި ފުޓްބޯޅައިން އަހަރެންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. އެކުގައި ދަތުރު ކުރުމާއި ހަމަހިމޭންކަމާއި ވަރަށް ރީތި ތަންތަން ފެނުނު،" 37 އަހަރުގެ ބުސްކެޓްސް ބުންޏެވެ.
އޭނާ ވަނީ ވަރަށް ބޮޑަށް ބާސެލޯނާ އަށް ޝުކުރު އަދާކޮށްފަ އެވެ.
"އަހަރެން ބާސެލޯނާ އަށް ޝުކުރު އަދާ ކުރަން. އެއީ އަހަރެންގެ ކުލަބު. އެ ތަނުގައި އަހަރެންގެ ކުޑައިރުގެ އުއްމީދުތައް ހާސިލް ކުރެވުނު. ވަރަށް ގިނަ ކާމިޔާބީ ލިބުނު. ދުވަހަކު ވެސް ހަނދާން ނުނެތޭނެ އުފާވެރި އެތައް ކަމެއް ނޭމްޕް ނޯގައި ހިނގައިދިޔަ. ހަމަ މިއާއެކު ސްޕޭނުގެ ގައުމީ ޓީމަށް ވެސް ޝުކުރު އަދާ ކުރަން. ގައުމީ ޓީމާއެކު ވެސް އަހަރެންނަށް ވަރަސް މުހިންމު ކާމިޔާބީތައް ހޯދުނު،" ބުސްކެޓްސް ބުންޏެވެ.
އޭނާ އަދި ބުނީ އިންޓަ މިއާމީން އޭނާ އަށް ފުރުސަތު ދީ އަރަމުން އަންނަ ކުލަބުގައި ކުޅެ ގިނަ ތަޖުރިބާތާކެއް ހާސިލް ކުރަން ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.
ބުސްކެޓްސް ވަނީ ގާތްގަނޑަށް 700 އަށްވުރެ ގިނަ މެޗުގައި ކުޅެފަ އެވެ. އޭނާ ވަނީ ބާސެލޯނާގައި ސްޕެނިޝް ލީގާއި ކޮޕާ ޑެލްރޭ އެތައް ފަހަރަކު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި އެވެ. ސްޕޭނުގެ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބު ކުރި އެވެ.
ކުލަބު ފުޓްބޯޅައިގައި ހަމައެކަނި ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ބުސްކެޓްސް އުމުރު ދޮށިވެ ބާސެލޯނާ ދޫކޮށް އިންޓަ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ.